ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ މޭރީ ނަމަކަށް ކިޔާ ބިދޭސީ ނަރުސް، 2021 ވަނަ އަހަރު މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެ މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މިއަދު ހެކިބަސް ދިން ފުލުހަކީ ލަމްހާގެ ރައްޓެއްސެކެވެ. ފުލުސް މީހާ ބުނިގޮތުގައި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މޭރީ އަށް އެނގިގެން ލަމްހާ އަށް މޭރީ މެސެޖްކޮށް، އެކަން އައިޖީއެމްއެޗަށް ހުށަހަޅާނެ ކަމަށް ބުންޏެވެ. އެ މީހުންގެ މެދުގައި މި ކަމާ ގުޅިގެން އުފެދުނު މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކޮށްދޭން ލަމްހާ އެދުނު ކަމަށްވެއެވެ.
ޝަރީއަތުގައި ދިފާއީ ވަކީލުން ސުވާލަށް ޖަވާބު ދެމުން ފުލުސް މީހާ ބުނީ، އެ ވާހަކަތައް ފުލުހުންނަށް ކިޔައިދިނީ ފުލުހުންގެ ތަހުގީގަށް އެކަން އެނގިގެން އޭނާއާ ސުވާލު ކުރުމުންނެވެ. އަދި އަމިއްލަ އިސް ނެގުމުގައި އެ މައުލޫމާތު ނުދިނީ ތަހުގީގުތަކާ ނުގުޅޭ ފުލުހުންނަށް އެކަމުގެ ތެރެއަށް ވަނުމުގެ ބާރު ނޯންނާތީ ކަމަށް ލަމްހާގެ ރައްޓެހި ފުލުސް މީހާ ބުންޏެވެ.
ލަމްހާގެ ރައްޓެހި ފުލުހެއްގެ އިތުރުން ދެން މިއަދު ހެކިބަސް ދިނީ ސީސީޓީވީ ކެމެރާގެ ވީޑިއޯ ފުޓޭޖްތައް ތަހުލީލުކުރި ފުލުސް މީހާ އެވެ. އޭނާ ބުނިގޮތުގައި ވީޑިއޯތަކުން ފެންނަނީ މާވިން ކަން ޔަގީންކަމާ އެކު ބުނަން އެނގުނަސް، ދެން ފެންނަ މީހަކީ ލަމްހާ ކަން ޔަގީންކަމާ އެކު ބުނާކަށް ނޭނގެ އެވެ.
ދެން މިއަދު ހެކި ބަސް ދިނީ މޭރީ މަރުވިކަމުގެ ރިޕޯޓް ލިބިގެން އައިޖީއެމްއެޗާއި އެ ގެއަށް ދިޔަ ފުލުހެކެވެ. އެ ފުލުސް މީހާ ބުނިގޮތުގައި އައިޖީއެމްއެޗްގައި މާވިންއާ ސުވާލު ކުރުމުން، މޭރީ މަރުވީ ބެޑް ޝީޓެއް ބޭނުންކޮށްގެން ކުޑަދޮރެއްގައި ދަންޖެހިގެން ކަމަށް ބުންޏެވެ. އޭނާ ބުނިގޮތުގައި މޭރީ މަރުވެފައި އޮތްއިރު އޭނާގެ މޫނު ރަތްވެ އަދި ލައިގެން ހުރި ހެދުން އޮތީ ތެމިފަ އެވެ. އަދި ފައިގައި ޒަހަމެއް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.