
ޔައުގޫބަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް ނަމަވެސް، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ މެމްބަރެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔައުގޫބް އަޑުގަދަކުރައްވާ މަޖިލިސް ހޫނުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި، އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ.
އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަރަށް ބޮޑަށް ސަރުކާރަށް މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުވިދަޅުވިއެވެ. އިލިޔާސްއަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް ނަމަވެސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނަށް ނިސްބަތްވާ މެމްބަރެކެވެ. އަދި މަޖިލީހުގައި މިފަހުން އިލިޔާސް މުޅިންވެސް ވާހަކަ ދައްކަވަނީ ސަރުކާރާއި ދެކޮޅަށެވެ.
މިއަދުގެ ޖަލްސާގައިވެސް އިލިޔާސް ސަރުކާރަށް ފާޑުކިއަން ފެށުމުން ޔައުގޫބް ވަނީ ތެދުވެވަޑައިގެން އަޑުގަދަ ކުރައްވަން ފައްޓަވާފައެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ޔައުގޫބަށް ނަސޭހަތްދެއްވާ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އެންގެވިއެވެ.
ނަމަވެސް ޔައުގޫބު އަޑުގަދަ ކުރެއްވުން ހުއްޓާނުލެއްވުމުން ރިޔާސަތުންވަނީ ޔައުގޫބްގެ ނަން އިއްވަވައި މަޖިލިސް ތަޅަން ދޫކުރައްވައި ވަޑައިގަތުމަށް އަންގަވައިފައެވެ.