
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު "ކްރާޝާ" ނަމަކަށް ކިޔާ ފިހާރައެއްގެ ތެރެއަށް ބަޔަކު ވަދެ ހިންގި މާރާމާރީގައި ޒަހަމުކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅި ޖަހާ ޒަހަމުކޮށްލި މައްސަލާގައި ފުލުހުން ރޭ ދަންވަރު ވަނީ 20 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދާއިމެދު ގޮތް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވެއެވެ.
ފިހާރަތެރެއަށް ވަދެ ވަޅި ޖެހީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އަދި މިފަހުން މާލޭގައި ހިނގައިދިޔަ މާރާމާރީތަކާއި ކެފޭ އަށް ގެއްލުންދިނުމުގައި ވެސް ޝާމިލުވަނީ ހަމަ އެއްްބައެެއް ކަމަށް ވިދާޅުވި އެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ މައުލޫމާތު ލިބޭގޮތުގައި ހަމަލާދިނީ ފިހާރަތެރެއަށް ފިލަން ވަތް މީހަކަށެވެ. އޭނާ އަށް ހަމަލާދިނީ ދެމީހުން ވެގެން ނެވެ.
ހަށިގަނޑުގެ އެކި ތަންތަންނަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ އެމީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް މިހާރު ވަނީ ލާފައެވެ. މިމައްސަލާގައި ހިމެނޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ނެވެ.