
ޒުހައިރު މަރުވެފައި އޮއްވާ މިއަދު ފެނުނީ މިހާރު ދިރިއުޅެމުންދާ ކ. ދިއްފުށީ އުތުރު ފަރާތު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވަ އެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ އޭނާ ޖޯލިފަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައީ 12:20 ހާއިރު ކަމަށާއި، އޭރުވެސް އޭނާ މަރުވެފައިވާ ކަން ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ނެވެ. ޒުހައިރު މަރުވި ކަމަށް މިހާތަނަށް ފުލުހުން ލަފާކޮށްފައިވަނީ ކުއްލި މަރަކުން ނެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ އަކަށް އަޒްލީނާ އުޅެނިކޮށް، މާލޭގައި އޭނާ މަސައްކަތް ކުރަމުންދިޔަ އޮފީހުގައި ވަޅިން ހަމަލާދީ މަރާލީ 2001 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އެވެ. އަޒްލީނާ މަރާލާފައި އޮއްވައި ފެނިފައިވަނީ މަރާލިތާ 32 ގަޑިއިރު ފަހުން 6 އޭޕްރީލް 2001 ވަނަ ދުވަހުގެ ދަންވަރު އެ އޮފީހުގެ ފާހާނާ ތެރެއިން ނެވެ.
ޒުހައިރަކީ އަޒްލީނާ އާއި އެއް އޮފީހެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އައި މީހެކެވެ. އެ މައްސަލައިގައި އޭނާ އެރޭ ވަގުތުން ވަގުތަށް ހައްޔަރު ކުރެވި މައްސަލައިގެ ތަހުގީގު ނިންމައި 2002 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
އަޒްލީން މަރާލުމަށް އަމަލީ ގޮތުން ހަރަކާތްތެރިވީ ޒުހައިރުގެ އިތުރުން ހުސްނުހީނާގޭ އަބްދުﷲ އިސްމާއީލް އެވެ. އަދި އަޒްލީނާ މަރާލުމަށް ރާވައި، ފާރައަށް ހުރީ ގދ. ހޯނޑެއްދޫ، ސަވޭރާ އިބްރާހީމް ހަމްދީ އެެވެ. ހަމްދީ އާއި އިސްމާއީލްގެ މައްޗަށްވެސް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ހުކުމްކުރީ 2002 ވަނަ އަހަރުގެ އޮޮގަސްޓު މަސްތެރެ އެވެ.
އެކަމަކު އޭގެ 11 އަހަރު ފަހުން 2013 ވަނަ އަހަރު، ޒުހައިރު ވަނީ މިނިވަންކޮށްފަ އެވެ. އޭނާ ދިއްފުށީގައި މަރުވެފައި އޮއްވާ މިއަދު ފެނުނުއިރުވެސް ހުރީ މިނިވަންކޮށްފަ އެވެ. ކުޅުދުއްފުއްޓަށް އުފަން ޒުހައިރު ދިއްފުށީގައި ދިރިއުޅެމުންދިޔައީ އޭނާ ޖަލުން މިނިވަންވި ފަހުން ދިއްފުށީ މީހަކާ ކައިވެނިކޮށްގެން ނެވެ. މަރުވިއިރު ޒުހައިރުގެ އުމުރަކީ 48 އަހަރެވެ.
ރާއްޖޭގައި އަނިޔާވެރި މަރުތައް މަދު ދުވަސްވަރެއްގައި އުމުރުން އެންމެ 27 އަހަރުގައި މަރާލި އަޒްލީނާގެ މަރަކީ ގިނަ ބަޔަކަށް ސިހުން ގެނުވިި މަރެކެވެ.