ads
ޕީޖީ ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ——ފޮޓޯ: ސީއެންއެމް
ޑްރަގު ގެންނަ ބިދޭސީއާއި ދިވެއްސަކާއި ގުޅުން ނެތިއްޔާ މައްސަލަ ބެލުމުގެ ބޭނުމެއްނެތް: ޕީޖީ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި، އެތަކެތި ގެންނަ ބިދޭސީ މީހާއާއި ދިވެއްސަކާއި ގުޅުމެއް ނެތްނަމަ މައްސަލަ ބަލައި ތަހުގީގުކޮށް ބިދޭސީ މީހާއަށް އަދަބު ދިނުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށް ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުށްކުރާ ބިދޭސީން ރާއްޖެއިން ފޮނުވާލާ މައްސަލާގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދާރީވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، ރާއްޖޭގައި ހުރުމަކީ ބިދޭސީއަކަށް ލިބޭ ހަށްގެއް ނޫން ކަމަށާއި ދިވެހި ރާއްޖޭގައި ހުުރުމުގެ ހައްގު ލިބޭނީ ދިިވެހީންނަށް އެކަނި ކަމަށެވެ. 

ބިދޭސީންނަށް ރާއްޖޭގައި ހުރުމަށް ދެނީ ހުއްދައެއް ކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ، އެ ހުއްދަ ދެނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށެވެ. އިމިގްރޭޝަނުގެ ކޮންޓްރޯލަރު ވަކި ބިދޭސީއަކު ރާއްޖެއަށް އަރުވަން ބޭނުންނުވާނަމަ އެ ހުއްދަ ނުލިބޭނެކަން ޕީޖީ ފާހަގަކުރެއްވި އެވެ. 

"އެހެންވީމައި ކުށްކުރާ ބިދޭސީންގެ މައްސަލާގައި އަޅުގަނޑުމެން ބޭނުމެއް ނުވޭ ވަކި ކަހަލަ ކުށްތަކެއްގައި ހިމެނޭ ބަޔަކު ނޫނީ އެހެން ގެންގުޅޭކަށް. މި ބުނީ ރާއްޖޭގައި ހިމެނޭ ނިޒާމުގެ ތެރެއިން ހަރަދުކޮށްގެން ގެންގުޅޭކަށް." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކުށްކުރާ މީހަކަށް އަދަބު ދެނީ ތިން މަގުސަދެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެއީ:

  • އެމީހަކު ރިހިބިލިޓޭޓު ކުރުން
  • މުޖުތަމައު ސަލާމަތްކުރުން
  • ކުށްކުރުމުން އަދަބު ލިބޭނެކަން އަންގައިދިނުން

ބިދޭސީއަކު ޖަލުގައި ބަހައްޓައިގެން އެ ތިން ކަންތަކުގެ ތެރެއިން ދެ މަގުސަދެއް ހާސިލު ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންކަމުން އަދަބު ދިނުމުގެ މުޅި ފިލޯސަފީއަށް ބަލާއިރުވެސް އެއީ މާ ހަމަޖެހޭ ކަމަކަށް ބައެއް ފަހަރުނުވާކަން ޝަމީމް ފާހަގަކުރެއްވި އެވެ. 

"އެހެނެއް ނޫން. މިސާލަކަށް ދިވެއްސަކު މެރީ. ނުވަތަ ވަރަށް ގިނަ ދިވެހީންނަށް އަނިޔާކުރީ ނުވަތަ ބޮޑެތި ގެއްލުން ދިނީ. އެހެންވެއްޖެއްޔާ އޭނާއަށް އަދަބު ދިނުމަކީ އަޅުގަނޑުމެންގެ މަސްލަހަތު އޮތް ކަމެއް. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ ބިދޭސީއަކު އިސްލާހުކޮށްގެން އަނބުރާ މުޖުތަމައުއަށް ގެނައުމަކީ އަޅުގަނޑުމެންގެ ޝައުގުވެރިކަން ހުރި ކަމެއް ނޫން. އަޅުގަނޑުމެން އެޔަށްވުރެ ބޭނުން ދިވެއްސަކަށް އެ ހަރަދުކުރުން. ދިވެއްސަކު އެކަމުން ރަނގަޅުކުރެވޭތޯ ބަލަން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ބިދޭސީން އަތުން އަތުލައިގަނެވޭ ބައެއް މަސްތުވާތަކެއްޗަކީ ޓްރާންސިޓް ފަސިންޖަރުން އަތުން އަތުލައިގަނެވޭ ތަކެތި ކަމަށެވެ. އެއީ އެހެން ގައުމަކަށް އެތެރެކުރަން އޭނާ ގެންނައި މަސްތުވާތަކެތި ކަމުން އެ މައްސަލަގައި އޭނާ ހައްޔަރުކޮށް މައްސަލަ ބަލައި ތަހުގީގު ކުރުމުގެ ވިސްނުން ޕީޖީގައި ނެތްކަމަށް ޝަމީމް ވިދާޅުވި އެވެ. 

"ނޫނީޔާ ރާއްޖެއަށް މިއަންނަ ބިދޭސީން މިގެންނަ މަސްތުވާތަކެތި. އަޅުގަނޑުމެން އެމީހާ ރާއްޖެ ގެނެސްގެން އެމީހާ އާއި ދިވެއްސަކާއި ގުޅުމެއް ނެތިއްޔާ އެމައްސަލަ ބަލާ ތަހުގީގުކުރުމުގެ މާބޮޑު މަސްލަހަތެއް ނެތް. އެޔަށްވުރެ އެ ފައިސާ[ދައުލަތުގެ] އެހެން ކަންކަމަށް ހަރަދުކުރުމުގެ ބޭނުންތެރިކަން އެބައޮތް." ޝަމީމް ވިދާޅުވި އެވެ.

އެހެންވީމައި އެ ފަދަ ބިދޭސީން ރާއްޖެއިން ފޮނުވާލުމަކީ މާބޮޑު މައްސަލައެއް ކަަމަށް ނުދެކޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެކަމަކު ދިވެއްސަކާއި ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާނަމަ އެމައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެ ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ޑީޕޯޓުކޮށްލާތީ އެ ކަންބޮޑުވުންތައް ދިވެހީންގެ އޮވެއެވެ. އެގޮތުން މިފަހުން ވީއައިއޭ ތެރެއިން މަސްތުވާތަކެއްޗާއިއެކު ލަގެޖެއް ގެއްލުނު މައްސަލާގައިވެސް އެމީހާ ފަހުން ދޫކޮށްލުމުން ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި ކުޑަކުއްޖަކާ ބެހުނު އިންޑިއާ މީހަކު ފޮނުވާލައިގެންވެސް މައްސަލަތައް ބޮޑުވި އެވެ. އިމިގްރޭޝަނުން އޭނާ ފޮނުވާލާފައިވަނީ އޭނާގެ މައްސަލަ ކޯޓުގައި އޮއްވާ ކަމަށް ފަހުން ޕީޖީން ބުނެފައި ވެއެވެ. އެކަމަކު އިމިގްރޭޝަނުން ބުނަނީ އިސްތިއުނާފު ކުރާކަން އެ އިދާރާއަށް ނާންގާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް