ads
ޓޭޒާ ގަން ބޭނުންކުރާނީ އެކަމަށް ތަމްރީން ކޮށްފައިވާ ހާއްސަ ފުލުހުންގެ ޓީމެއް
ފުލުހުން މާލޭގައި ޓޭޒާ ގަން ބޭނުންކުރަން ފަށައިފި
ޓޭޒާ ގަން ނުވަތަ ކަރަންޓު ބަޑި މާލޭތެރޭގައި ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.

މި ބަޑި ބޭނުންކުރަން ފަށަން ފުރަތަމަ ނިންމާފައި އޮތީ 2020 ވަނަ އަހަރުތެރެ އެވެ. އޭގެފަހުން މިދިޔަ އަހަރުވެސް މި ބަޑި ބޭނުންކުރަން ފެށޭނެކަމަށް ލަފާކުރި އެވެ. އެކަމަކު، އެ މުއްދަތު ފަަހަނާ އަޅައި ދިޔަފަހުން މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، މިއަދުން ފެށިގެން މާލޭގައި ޓޭޒާ ގަން ފުލުހުން ބޭނުންކުރަމުން ދާނެ ކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވާނީ އެކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ ޓީމަކުން ކަމަށް ވިދާޅުވި އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން މުޅިން އަލަށް މި ފިސްތޯލަ ބޭނުންކުރަން ނިންމާ އެކަން އިއުލާންކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަސްތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވެފައިވަނީ، ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާ ފުލުހުންނަށް ހަރުދަނާ ރަނގަޅު ރައްކާތެރި ކަމެއް ލިބެންޖެހޭ ކަމަށާއި، އަދި އެ މާހައުލެއްގައި ކުށްކުރާ ގޮތްތަކާއި ކުރިމަތިލެވޭނެ ބަޔަކަށް ފުލުހުން ވާންޖެހޭ ކަމަށެވެ. 

ޓެރަރިޒަމާއި ބޮޑެތި ކުށްކުރާ މީހުން ވަޅި އާއި ކަނޑި އާއި ކަތިވަޅި ހިފައިގެން ނުކުމެ އުޅޭއިރު، އެ މީހުންނާ ދެކޮޅަށް ފުލުހުން ހުސްއަތާ ނުކުމެ އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ. 

މި ބަޑިއަކީ އިލެކްޓްރިކް ޝޮކެއް ފޮނުވާލައިގެން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ ކުށްވެރިނާއި ދެކޮޅަށް ބޭނުންކުރާ ހަތިޔާރެކެވެ. މި ޝޮކް ފޮނުވާލުމާއިއެކު ވަގުތުން މީހާގެ ހަރަކާތް ހުއްޓި ވެެއްޓޭއިރު، އެގޮތަށް މީހާ ބާއްވަން ބޭނުންވާ ވަގުތު އިތުރުވެސް ކުރެވެއެވެ. އެޔަަށްފަހު ދޭންޖެހޭ ފަރުވާއެއް ވާނަމަ ދޭނެއެވެ.

ޓޭޒާ ގަން ބޭނުންކުރަން ފަށަން އުޅޭކަން އެންމެ ފުރަތަމަ ސީޕީ ހަމީދު އިއުލާންކުރެއްވީ 2020 ވަނަ އަހަރުތެރެއެވެ. އޭރުވެސް އެކަމާއި ގުޅޭ ތަމްރީންތަކެއް ފުލުހުންގެ މެދުގައި ހިންގާފައިވެއެވެ. ނަމަވެސް މި ބަޑި ބޭނުންކުރުމާއިމެދު އާންމުންގެ ހިޔާލުތަފާތުވުންތައް އޭރުވެސް އޮތެވެ.

އޭގެފަހުން މިދިޔަ އަހަރު އެ ގަން ބޭނުންކުރަން ފަށަން އުޅޭކަން އިއުލާންކޮށް ސީޕީ ވިދާޅުވީ މި ބަޑި ބޭނުންކުރާނީ އެކަމުގެ ތަމްރީންތައް ލިބިފައިވާ ފުލުހުން ކަމަށާއި އެކަމަށްޓަކައި ދެ ބެޗެއްގެ 20 އޮފިސަރުން މިހާރު ތަމްރީންތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވިގޮތުން ރާއްޖޭގައި މިހާރު އޭގެ 25 ބަޑި އޮތްއިރު، އިތުރު ބަޑިތައް ހޯދުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުން ނެވެ. އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޓޭޒާ ގަން މިހާރު ބޭނުންކުރަމުން ދަނީ ދެ ގައުމެއްގައެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް