
އެގޮތުން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ރިޒާގެ ހަނދާނުގައި ހަމަހިމޭންކަމުން ސުކުންތުކޮޅެއް ގެނެސްފައެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޒާ އަވަހާރަވީ މެލޭޝިއާ ގައެވެ. ރިޒާ އަވަހާރަވީ ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހުއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރިޒާގެ ތައުޒިޔާ ދަފްތަރު މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަަކަށް އެ އިދާރާގައި އޮންނާނެ ކަމަށެވެ.
ރިޒާއަކީ އިދިކޮޅު ޕީޕީއެމަަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރެކެވެ. ރިޒާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޖުޑީޝަރީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރެކެވެ.
އިބްރާހީމް ރިޒާއަކީ 2014 ވަނަ އަހަރުން ފެށިގެން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެވެ. ރިޒާއަކީ ޤާނޫނީ ވަކީލެއްވެސް މެއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި ހުންނެވީ ރިޒާއެވެ. އޭނާ އެ މަގާމުން ވަކިކުރީ ވެރިކަން ބަދަލުވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.
ޖޭއެސްސީގައި އޭނާ ނައިބު ރައީސްކަން ކުރައްވާފައި ވާއިރު މަޖިލީހުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަރްކުރައްވާފައިވެ އެވެ.