މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި މުއިއްޒުގެ ދިފާއުގައި، ރައީސް ޔާމީންގެ އެންމެ ފަހު ނާއިބު ރައީސް ޖިހާދު ހެކިބަސް ދެއްވީ، މުއިއްޒުއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ސާބިތު ކޮށްދެއްވުމަށެވެ.
ހެކި ބަސް ދެއްވަމުން ކޯޓުގައި ޖިހާދު ވިދާޅުވީ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ. އަދި ޔައުމިއްޔާގައި ސޮއި ނުކުރާނަމަ ޔައުމިއްޔާ ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވި ގޮތުގައި ދައުލަތުން އެ މައްސަލާގައި ހުށަހެޅި ޔައުމިއްޔާގައި ސޮޔެއް ނެތުމުން އެ ޔައުމިއްޔާ ސައްހައެއް ނުވާނެ އެވެ. އެހެންނަމަވެސް ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެ ކަމަށް ބުނާ އުސޫލެއް ނުވަތަ އެންގުމެއް އޮވޭތޯ ދައުލަތުން ސުވާލު ކުރުމުން ޖިހާދު ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންނަމަވެސް އެކަމަކު ޔައުމިއްޔާގައި ސޮއި ކުރުމަކީ އަބަދުވެސް އަމަލުކުރާ އުސޫލެއް ކަމަށްވާތީ އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޖިހާދު ވިދާޅުވި އެވެ.
ޖިހާދުގެ އިތުރުން ދިފާއީ ހެކިންގެ ތެރެއިން ދެން މިއަދު ހެކިބަސް ދިނީ ހައުސިން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ މާހިދު ޝަރީފާއި އެކި ޕްރޮޖެކްޓްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ޕީއެސް މާހިދު ހުށަހަޅާފައިވަނީ އެ މައްސަލާގައި ހިމެނޭ އެއް ސިޓީގައިވާ ސޮޔަކީ މުއިއްޒުގެ ސޮޔެއް ނޫންކަން ސާބިތު ކުރުމަށެވެ.
މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ރާއްޖެއިން ބޭރުގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ. އެ ދައުވާ މުއިއްޒުގެ މައްޗަށް ސާބިތު ވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.