ފުލުހުން ބުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެރޭ ހުޅުމާލެ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައި ވެއެވެ.
މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައި ވެއެވެ. އެކަމާއި ގުޅިގެން 7 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ. ޖޫސް ޓައިމް އަށް ވަދެ މުޅި އެތަން ސުންނާފަތިކޮށްލާފައިވަނީ ހެލްމެޓާއި މާސްކުން މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ކެފޭގެ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުން، މޫނު ނިވާކޮށްގެން ސައިކަލެއްގައި ދެމީހަކު ކެފޭ އާއި ދިމާލަށް އަންނަތަން ފެނެ އެވެ. ކޮންމެ މީހެއްގެ އަތުގައި މަރުތޭލެއް އޮތްއިރު، އެމީހުން އަންނަން ފެށުމުން ކެފޭގެ ކައުންޓަރުގައި އިން ބިދޭސީ މީހާ ދުވެފިލާ މަންޒަރު ފެނެއެވެ.
ހެލްމެޓާއި މާސްކުން މޫނު ނިވާކޮށްގެން ތިބި އެދެމީހުން އައި ގޮތަށް އައިސް ފުރަތަމަ އެތަނުގެ ބޭރު ބިއްލޫރިގަނޑު ތަޅާލާތަން ފެނެއެވެ. އަދި އެޔަށްފަހު އެތަނުން އެކަކު ކުޑަދޮރުން އެތަނުގެ ކައުންޓަރު މައްޗަށް އަރާ އެތެރެއަށް ފުންމާލާ މަންޒަރުވެސް ފެނެއެވެ. އަދި މަރުތޭލުން ތަޅާ އެތަނުގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ސުންނާފަތި ކުރަމުންދިޔަ މަންޒަރު ފެނެއެވެ. އޭގެތެރެއިން ބޭރުގައި ހުރި މީހާ ކައުންޓަރުގެ ވަތްގަނޑުގައި ހުރި ފައިސާތައް ނަގާ މަންޒަރު ވެސް ފެނެ އެވެ.
އެކަމަކު މި މީހުން އެކަން ކުރީ ފައިސާތަށް ނެގުމުގެ ބޭނުމުގައި ކަމެއް ނުވަތަ އެކަމުގައި އޮތް މަގުސަދެއް އަދި ސާފެއް ނުވެއެވެ. އެެމީހުން ފުރަތަމަ ވެސް އައިސް ތަނުގައި ހުރި ހުރިހާ އެއްޗެއް ތަޅާ ސުންނާފަތި ކުރަން ފެށިއިރު ވަތްގަނޑުގައި ހުރި ފައިސާތަށް ނަގާކަށް މަސައްކަތެއް ނުކުރެ އެވެ.
ފައިސާތައް ނެގީ އެތަނުގައި ހުރި ގިނަ އެއްޗެހިތަކަކަށް ގެއްލުން ދިނުމަށްފަހު އެވެ. އެހެންކަމުން މިއީ ވައްކަން ކުރަންވެގެން އައި ބަޔަކަށް ވުރެ ބޮޑަށް ބައެއްގެ ވިޔަފާރީއަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވުންވެސް އެކަށީގެންވެއެވެ.