ads
'ދަނޑުވެރިޔާ' އެޕްލިކޭޝަން ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕުގެ ތެރެއިން - އެފްއޭއޯ ސްރީލަންކާ
ދަނޑުވެރިންނަށް އެހީތެރިވުމަށް ދަނޑުވެރިޔާގެ ނަމުގައި އެޕްލިކޭޝަނެއް
ދަނޑުވެރިންނަށް ފަންނީ މައުލޫމާތު ހިއްސާކުރުމުގެ ބޭނުމުގައި 'ދަނޑުވެރިޔާ' ގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފުކުރުމަށް އެގްރިކަލްޗަ މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ދަނޑުވެރިކަން ކުރަމުންދާ ގިނަ ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައިވާ އެއްކަމަކީ ދަނޑުވެރިކަމާ ގުޅުންހުރި މައުލޫމާތު އެއްތަނަކުން ލިބޭނެގޮތް ފަހިވެފައި ނެތުމެވެ. ދަނޑުވެރިންގެ އެ ކަންބޮޑުވުމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން 'ދަނޑުވެރިޔާ' ގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފުކުރުމަށް އެގްރިކަލްޗަ މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެގްރިކަލްޗަ މިނިސްޓްރީން ބުނެފައިވަނީ 'ދަނޑުވެރިޔާ' އެޕްލިކޭޝަން ތައާރަފުކުރުމަށް އެ މިނިސްޓްރީން ނިންމީ ދަނޑުވެރިކަމާ ގުޅުންހުރި ތަފާތު ފަންނީ މައުލޫމާތު ދަނޑުވެރިންނާ ހިއްސާކުރުމުގެ ގޮތުންނާއި އެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނި ގޮތުގައި 'ދަނޑުވެރިޔާ' އެޕްލިކޭޝަން މެދުވެރިކޮށް ދަނޑުވެރިންނަށް އެ މިނިސްޓްރީ އާ މުއާމަލާތުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެޕްލިކޭޝަނުގެ ޒަރިއްޔާއިން މޫސުމީ ބަދަލުތަކާއި ދަނޑުތައް މުޑުވައްކުރުމުގެ މައުލޫމާތުތައް އަދި ދަނޑުވެރިން ބޭނުންވާ ފަންނީ މައުލޫމާތު ހިއްސާކުރެވޭނެ ކަމުގައެވެ.

މިހާރު ކުރިއަށް ދަނީ މި އެޕްލިކޭޝަން ބޭނުންކުރުމަށް ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ކަމަށާއި ރޯދަ މަހުގެ ފަހުން 'ދަނޑުވެރިޔާ' އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކުރެވޭނެ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެއެވެ. މި އެޕްލިކޭޝަނަކީ ވެބް އެޕްލިކޭޝަނެއް ކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ މޮބައިލް އެޕްލިކޭޝަން ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ގާއިމުކޮށްދިނުމަށް ފެށި އެ ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތައާރަފުކޮށްދޭނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.

އެ ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަން ހާމަކޮށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައިވަނީ ރަޖިސްޓްރީގެ ޒަރީއާއިން ރާއްޖޭގެ ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭހެއް ގާއިމުކުރެވިގެންދާނެ ކަމަށެވެެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަނޑުވެރި ވިޔަފާރިތަކުގެ ރަޖިސްޓްރީގެ އަލީގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާދެވި ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް މެޕް ޕްރޮޖެކްޓުން ރޭވިފައި ވަނީ ރަނގަޅު އަގެއްގައި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރުގައި ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް