ads
ބީވީމާގެ މަންޒަރެއްގައި އާޝާ އަދި ނާނަ…
"ބީވީމާ" ގެ ވަދާއީ ޝޯތައް މިރެއިން ފެށިގެން
ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ރިލީޒްކުރި ފުރަތަމަ ފީޗާ ފިލްމު "ބީވީމާ" ގެ ވަދާއީ ޝޯތައް މިރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަން ފަށާނެއެވެ.

ކާމިޔާބު ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށްފަހު ވަދާއީ ތިން ޝޯ ދެއްކުމަށް އެ ފިލްމު ކުންފުނިން ވަނީ ނިންމާފައެވެ.

އެގޮތުން މިރޭ ވަދާއީ ޝޯގެ ފުރަތަަމަ ޝޯ ދައްކަން ނިންމާފައިވާއިރު މި މަހުގެ ތިނެއް އަދި ހަތަރު ވަނަ ދުވަހުގެ ރޭ ވެސް ވަދާއީ ޝޯތައް ދެއްކުމަށްވަނީ ނިންމާފައެވެ.

މަޝްހޫރު ސްކްރީން ރައިޓަރު އަހުމަދު ޒަރީރު އަލަށް ޑައިރެކްޝަން ހަދާފައިވާ އެ ފިލްމު ބެލި ގިނަ މީހުން ވަނީ ފިލްމާ މެދު ހިތްހަމަޖެހުން ފާޅު ކޮށް ފިލްމުގެ ރީތި ވާހަކަ ސޯޝަލް މީޑިއާގައި ވެސް ދައްކާފައެވެ.

ތަމަޅަ ފިލްމު "96" އިން އިންސްޕަޔާ ވެގެން ގެނެސްދީފައިވާ އެ ފިލްމުގައި ހިމެނޭ ރީތީ ލަވަތައް ދާދި ފަހުން ވަނީ ޔޫޓިއުބްގެ އިތުރުން ފޭސްބުކްގައި އާންމުކޮށްފައެވެ.

ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑާކްރެއިންގެ ފަހުގެ ފިލްމު "ބީވީމާ" ގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ލަވަކިޔުންތެރިޔާ އަޝްފާގެ އިތުރުން ކޮޕީ އިއްސެ އާއި އާޝާ އަދި ޒިދާން އެވެ.

މިއީ އަޝްފާ ފިލްމަކުން ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ވަނީ އަޝްފާގެ މޮޅު އެކްޓިން ބަލައިގަނެ ތައުރީފު ކޮށްފައެވެ. އޭނާ ހުރީ ރަނގަޅު ހުށަހެޅުންތައް ލިބޭ ނަމަ ފިލްމީ ދާއިރާއިން ކުރިއަށްދާން ތައްޔާރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް