ފަޒްނާ މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމްކޮށްގެން ބާއްވާ 'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި ރަނގަޅު ވެރިންނަކީ މުވައްޒަފުންނަށް އެމީހުންގެ ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް ހަމަހަމަ ގޮތެއްގައި އަދާކުރުމަށް މަގުފަހިވާ ގޮތަށް ފްލެކްސިބަލް ޓައިމްއާއި ގޭގައި ހުރެ މަސައްކަތްކުރުން ފަދަ ލުއިފަސޭހަތައް ހޯދައިދިނުމަށް ބާރުއަޅާ މަސައްކަތް ކުރާ ބައެއް ކަމުގައެވެ.
ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ގައުމީ ތަރައްގީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވިދާޅުވީ، ވިހެއުމުގެ ޗުއްޓީ އާއި ދަރިއަކު ލިބުމުން ލިބޭ ޗުއްޓީ އާއެކު މުސާރަ ލިބޭ ގޮތަށް މި ސަރުކާރުނއ މިހާރު ހަމަޖައްސައިދީފައިވާ ކަމަށާއި ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް އެ ޗުއްޓީތައް ދިނުމަށް ބޭނުން ނުވާކަން އަދިވެސް ފާހަގަކުރެވޭ ކަމަށެވެ. އާއިލީ ޒިންމާތައް އަދާކުރުމާއި ވިހެއުމުގެ ޗުއްޓީއަކީ މުވައްޒަފުންނަށް ވަޒީފާގައި ކުރިއަށް ދިޔުމަށް އޮތް ހުރަހެއްކަމުގައި ނުހެދުމަށް ވަޒީފާ ދޭ ފަރާތްތަކަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.
ފަޒްނާގެ ވާހަކަފުޅުގައި ވަނީ، އޮފީސްތަކުގެ ވެރިންނާއި ހިއުމަންރިސޯސް ޑިޕާޓްމަންޓުތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން، މުވައްޒަފުންނަށް ހިތްހަމަޖެހުމާ އެކު މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، މަސައްކަތުގެ މާހަލުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި ހަމަހަމަކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވަމުންނެވެ.
އެކަމަނާ ވަނީ، މަސައްކަތްކުރުމުގައި އެކަށޭނަ ފަސޭހަ ގޮތްތަކާއި މުވައްޒަފުންގެ އަޑުއަހާނެ ގޮތްތައް ބެލުމަށް، މި ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. މިފަދަ ކޮންފަރެންސްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި ކޮންވެންޝަން އިންތިޒާމުކުރި ފަރާތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.