
މި ފައިސާއަކީ ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައިއެފްސީއޭ) އަށް ދިން ފައިސާއެވެ. އެފައިސާ އެކުންފުންޏަށް ދިނީ އެމްޓީސީސީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ) އިންނެވެ.
އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާއަށް 550،000 ޑޮލަރު (8،481،000 ރުފިޔާ) ދިނީ ހުޅުމާލޭގައި 690 ހައުންސިން ޔުނިޓް އެޅުމުގެ މަސައްކަތަށް އަނބުރާ ދައްކާގޮތަށް ކަމަށް އޭސީސީން ބުނެއެވެ.
އެ ފައިސާ އަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ ލިބުމުން އަނބުރާ އެމްޓީސީސީން، އެމްއާރުއީއައިސީ އަށް ދޫކުރި ފައިސާ ކަމަށާއި ނަމަވެސް މިހާތަނަށްވެސް އެ ފައިސާ ލިބިފައި ނުވާކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީ އަށާއި އެމްއާރުއީއައިސީ އަށް ވަނީ އަންގާފައިވާ ކަމަށެވެ.