
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ބޯޑުން ހުށަހެޅީ، ހިއްސާއަކަށް 3.04 ރުފިޔާއެވެ.
ކްރޮސްރޯޑްސްގެ އިވެންޓް ހޯލުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި 125 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ އަމިއްލަގޮތުން ބައިވެރިވި 90 ހިއްސާދާރުންނާއި ޕްރޮކްސީންގެ ގޮތުގައި ބައިވެރިވި 30 ފަރާތެކެވެ. މިއީ 135،649،994 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނެވެ.
މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04 ރުފިޔާ ބެހުމަށް އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 87.96 އިންސައްތަ ވޯޓުންނެވެ. މިއީ އޭގެ ކުރީ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އަދަދަށްވުރެ 34 ލާރި އިތުރު އަދަދެކެވެ. އުރީދޫން 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.70 ރުފިޔާއެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ: ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކުރި - ފޮޓޯ:އުރީދޫ
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. އޮޑިޓަރުގެ ގޮތުގައި މިއަހަރަށް އައްޔަން ކުރީ ޕްރައިސް ވޯޓަ ހައުސް ކޫޕާސްއެވެ. އެ ކުންފުންޏަށް 62،920 ޑޮލަރު ދިނުމަށް ހިއްސާދާރުންގެ 85.8 އިންސައްތަ ވޯޓުން ވަނީ ފާސްކޮށްފަ އެވެ. މިދިޔަ އަހަރު ވެސް އޮޑިޓަރުގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އެ ފާމުންނެވެ.