
ސްޓެލްކޯއިން ބުނީ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި ރޯދަމަހަށް މަރުހަބާ ކިއުމުގެ އިތުރުން އެ ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.
މި އަހަރުގެ ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފަކާއި އަންހެން 22 މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވިފައިވަނީ:
- އަބްދުﷲ ޝަރީފް - ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
- ހަދީޖާ ތައުފީގާ - ފިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް
ސްޓެލްކޯއިން ބުނެފައިވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުންނާއި އަންހެން 56 މުވައްޒަފުން ކަމަށެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވަނީ:
- ޝާހުލް ހަމީދު - ސާވިސް ސެންޓަރު
- ފާތިމަތު ރިޒްނާ - ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަަމަށާއި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކުޑަގިރީގައި ބޭއްވި އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު ޖީހާން މަހުމޫދުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ކުންފުނީގެ އިސްވެރިން އަދި މުވައްޒަފުން ބައިވެރިވިއެވެ.