
ފަރެސްމާތޮޑާ އެއާޕޯޓުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުގައި ބުނެފައިވާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 03:45 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ފައިނަލް ކުރެވިފައިވާ ކަމުގައެވެ. އެ އެއާޕޯޓަށް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް ވެސް އެ ޕޭޖުގައި ބުނެފައިވެއެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ސަރުކާރުގެ ފަރާތުން ތައްޔާރުވަމުންދާއިރު، އެއާޕޯޓުގެ އުމްރާނީ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަވެސް، އެއާޕޯޓު ހުޅުވާ ދުވަހަށް ފަރެސްމާތޮޑާއިން އެއާޕޯޓަށް ދިއުމަށް ތަރައްގީ ކުރާ ބްރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށް އެމްޓީސީސީން މިފަހުން ބުނެފައިވެއެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓް ބްރިޖުގެ މަސައްކަތް ލަސްވީ ޕްލޭންކުރި ވަރަށް ވުރެ ބޮޑެތި ތަނބުތައް އެ ސަރަހައްދަށް ފައްތަން ޖެހުމުން ކަމަށެވެ.
އާޒިމް ވިދާޅުވެފައިވާ ގޮތުގައި ބްރިޖުގެ މަސައްކަތް ނުނިމޭތީ ފަރެސްމާތޮޑާއިން އެއާޕޯޓަށް އައުމަށް ވަގުތީ މަގެއް ހަދަމުންދާ ކަމުގައެވެ. ކައިރި ރަށްރަށުންނާއި ރިސޯޓުތަކުން މީހުންނަށް އާދެވޭނެހެން ބަނދަރެއް ނިންމާފައިވާ ކަމަށާއި ކީވޯލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރި އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އެއް އަޅައި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ބިލްޑިން އިމާރާތެއް ވަނީ ތަރައްގީކޮށްފައެވެ.