
މި އަހަރުގެ ސްޕޯޓްސް އެވޯޑް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެވޯޑަށް މި ފަހަރު އަންނަ ބޭރުގެ ތަރިންގެ ނަންތައް ކުޅިވަރު މިނިސްޓްރީން މިހާރު އާއްމުކުރަން ފަށާފައިވާއިރު، އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ނަމަކީ، ކްރިކެޓްގެ ތާރީހުގައިވެސް އެންމެ މޮޅު އެއް ބެޓްސްމަންގެ ގޮތުގައި ބެލެވިފައިވާ ވެސްޓް އިންޑީސްގެ ބްރަޔާން ލާރާއެވެ.
މި ފަހަރުގެ އެވޯޑްސްއަށް ރާއްޖެއަށް އަންނަ މަޝްހޫރު ކުޅިވަރު ތަރިންގެ ތެރޭގައި ކްރިކެޓްގެ "ގޯޓެއް" ގެ ގޮތުގައި ބެލެވޭ ބްރަޔަން ލާރާ ހިމެނޭއިރު، މިދިޔަ އަހަރުގެ އެވޯޑަށް އައި ކްރިކެޓްގެ ތަރިއަކީ އިންޑިޔާގެ ސުރޭޝް ރައިނާއެވެ.
މި ފަހަރުގެ އެވޯޑަށް ބްރަޔަން ލާރާގެ އިތުރުން އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިންވެސް ހިމެނެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަށް ސަރުކާރުން ދޭ އެވޯޑެކެވެ. މި އެވޯޑް ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ހުނަރާއި ވަނަތައް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖްތަމައެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
ސްޕޯޓްސް އެވޯޑް އިވެންޓް މިދިޔަ އަހަރުވެސް ވެގެންދިޔައީ ވަރަށް ގިނަގޮތް ގޮތުން ފާހަގަކޮށްލެވޭ ކުޅިވަރު އިވެންޓަކަށެވެ.
މިދިޔަ އަހަރު އޮތް ސްޕޯޓްސް އެވޯޑްގައި ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރު ލެޖެންޑުން، ވޯލްޑް ރެކޯޑް ހޯލްޑަރުން ބައިވެރިވިއެވެ. މިދިޔަ އަހަރުގެ އިވެންޓުން ފާހަގަވި އެތްލީޓުންގެ ތެރޭގައި ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސްއާ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ ހިމެނެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 12 އެވޯޑެއް މިދިޔަ އަހަރު ދިނެވެ. އެވޯޑުތަކުގެ ތެރޭގައި އެތުލީޓް އޮފް ދަ އިޔަރ އެވޯޑް އަންހެން އަދި ފިރިހެން، ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފްދަ އިޔަރ އެވޯޑް އަންހެން، ފިރިހެން، ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަން އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑު، މީޑިއާ އޮފް ދަ އިޔަރ އިން ސްޕޯޓްސް ކަވަރޭޖް އެވޯޑް އޮންލައިން އަދި ބްރޯޑްކާސްޓިން ހިމެނެއެވެ.
މީގެ އިތުރުން މިއެވޯޑްސްގައި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ކޯޗް އޮފް ދަ އިޔަރ އެވޯޑް، އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ބައި މިނިސްޓްރީ އޮފް ސްޕޯޓްސް ހިމެނެއެވެ.