ads
ދިވެހި ދަނޑުވެރިއެއްގެ ދަނޑެއް. ފޮޓޯ: އެގްރޯނެޓް
ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ޑިމާންޑް ބޮޑު: ހާރޫން
ރާއްޖެއަށް އާއްމުކޮށް އިމްޕޯޓްކުރާ ތަކެއްޗަށްވުރެ ދިވެހި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ފަތުރުވެރިންގެ ޑިމާންޑް މާ ބޮޑުކަމަށް، އެގްރޯނެޓް ގެ މެނޭޖިން ޑައިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވެއްޖެ އެވެ.

ހާރޫން މިފަދައިން ވިދާޅުވީ، އެގްރޯނެޓް ގެ މަސައްކަތްތަކާއި ބެހޭގޮތުން ސީއެންއެމް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. 

ހާރޫން ފާހަގަ ކުރެއްވިގޮތުގައި، އިމްޕޯޓްކޮށްގެން ގެންނަ ތަރުކާރީ އަދި މޭވާގެ ބާވަތްތައް ރިސޯޓްތަކާއި ހަމައަށް ދާއިރު ގިނަފަހަރަށް ހުންނަނީ އޭގެ ތާޒާކަން ގެއްލިފައިކަމަށާއި، މިހެން ވުމުގެ ސަބަބުން އެތަކެތިން ތައްޔާރުކޮށް ވިއްކޭ ކާބޯތަކެތީގެ އަސްލު އަގާއި އަސްލު މަންފާ ރިސޯޓްތަކަށްވެސް ނުލިބޭކަމަށެވެ. އެހެންނަމަވެސް ދިިވެހި ދަނޑުވެރިން އުފައްދާ ތަރުކާރީ އަދި މޭވާ ފަދަ ތަކެތި ރިސޯޓްތަކާއި ހަމައަށް އެގްރޯނެޓް އިން ފޯރުކޮށްދެނީ ތާޒާ ކަންމަތީގައި ކަމަށާއި، 100 އިންސަތަ ދިވެހި އުފެއްދުންތަކަށްވާތީވެ، ރިސޯޓްތަކަށް ވިއްކޭ އަގުތައްވެސް ރަނގަޅުކަމަށް ހާރޫން ވިދާޅުވި އެވެ. 

އަދި ފަތުރުވެރިކަމުގެ ދާއިރާގެ ކަމާއި ބެހޭ ފަރާތްތަކުން އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބަލާއިރު، 100 އިންސައްތަ ދިވެހި އުފެއްދުންތަކެއް އިޝްތިހާރުކުރެވިއްޖެ ނަމަ، އެއެއްޗެއްގެ އަގު ބޮޑުވެފަ، ޑިމާންޑްވެސް ބޮޑުކަމަށް، މިހާތަނަށް އެއްކުރެވުނު މައުލޫމާތުން ހާމަވާކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

އެހެންނަމަވެސް ރިސޯޓްތަކުގެ ކަންބޮޑުވުމެއް އެބައޮތް ކަމަށާއި، އެއީ ޑިމާންޑާއި އެއްވަރަށް ދިވެހި ދަނޑުވެރިންނަށް ސަޕްލައި ނުކުރެވުންކަމަށް ފަތުރުވެރިކަމުގެ ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ލިބޭކަމަށާއި، އެގްރޯނެޓް އިން މަސައްކަތްކުރަނީ މިކަމަށް ހައްލެއް ހޯދައިދީ، ދިވެހި ދަނޑުވެރިންނާއި ރިސޯޓްތައް އަދި އެހެނިހެން މާކެޓްތަކާއި ގުޅާލަދޭ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަމަށާއި، މިކަމަށް އެގްރޯނެޓް އިން އަޅާލަދޭ ފާލަމުން، ދިވެހި ދަނޑުވެރިންނަށް ފައިނޭންޝިއަލް ހިމާޔަތެއް ލިބިގެން ދާނެކަމަށްވެސް ހާރުން ފާހަގަ ކުރެއްވިއެވެ. 

ހާރޫން ވިދާޅުވީ ދިވެހި ދަނޑުވެރިންގެ އެއްމެ ބޮޑު ބިރުވެރިކަމަކީ، ވަގުތާއި ފައިސާ އެކަމަށް ހަރަދުކޮށް، ހެއްދި އެތިކޮޅުން މަންފާއެއް ނުލިބި އުކާލަންޖެހޭ ހާލަތެއް އައުން ކަމަށާއި، އެހެންނަމަވެސް އެގްރޯނެޓުން ދޭ ޔަގީންކަމަކީ، އެގްރޯނެޓާއި ގުޅިގެން، ކޮންޓްރެކްޓް އަދި ކޮމިއުނިޓީ ފާމިން ގެ ތެރެއިންވެސް ހައްދާ ހުރިހާ ތަކެއްޗަކަށް، އެތަކެއްޗަކަށް އެކަށީގެންވާ އަގު އެގްރޯނެޓް އިން އަދާކުރުން ކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްރެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމޭނޭ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމަށް ހައްލު ހޯދައި ދިނުމަށް، ވީހާވެސް ގިނަ ދަނޑުވެރިން އެގްރޯނެޓް އާއި ގުޅިގެން މަސައްކަތްކުރުމަށް ހާރޫން ގޮވާލެއްވި އެވެ. އަދި ސަރުކާރުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް، އެގްރޯނެޓާއި ހަވާލުކޮށްފައިވާ ތިން ފަޅު ރަށުގެ މަސައްކަތްތައް އަމަލީގޮތުން ފެށި ކުރިއަށް ހިނގަައިގަތުމަކީ ވެސް މިކަމަށް ލިބިގެންދާނެ ހައްލެއްކަމަށް ދެކިލައްވާކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް