
އެ އެއާޕޯޓަށް ފުރަތަމަ ޖައްސާ ޓެސްޓް ފްލައިޓަކީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރުމަށް ހަަމަޖެހިފައިވަނީ މެންދުރުފަހު 3:50 ގައެވެ. ފަރެސްމާތޮޑާ އެއާޕޯޓުގައި ބޯޓު ޖައްސާނެ ކަމަށް ލަފާކޮށްފައިވަނީ ހަވީރު 5:05 ގައެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެއާޕޯޓު ހުޅުވައިދެއްވާނީ ރައީސް ސޯލިހުއެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރި މި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ މަަސައްކަތްތައް މިހާރު ދަނީ އެ އެއާޕޯޓުގައި ކުރަމުންނެވެ.
މި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭ އެއް އަޅައި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ސްޓޭޝަނެއް ތަރައްގީކުރުމާ އެކު، ރޭގަނޑު ފްލައިޓުތައް ޖެއްސުމަށް ބޭނުންވާ ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫއަށް 144.8 މިލިއަން ރުފިޔާ ހޭދަކުރާއިރު އެއާޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލާ ކޯޒްވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެ މަސައްކަތް ދުވަހަށް ނުނިމުނު ނަމަވެސް ފަރެސްމާތޮޑާއިން އެއާޕޯޓަށް އައުމަށް ވަގުތީ މަގެއް ހަދަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް މިފަހުން ވިދާޅުވެފައިވެއެވެ. އާޒިމް ވިދާޅުވި ގޮތުގައި ކައިރި ރަށްރަށުންނާއި ރިސޯޓުތަކުން މީހުންނަށް އާދެވޭނެހެން ބަނދަރެއް ނިންމާފައިވާ ކަމަށާއި ކީވޯލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމުގައެވެ.