ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މިއަދު ފެށި ދޮރުން ދޮރަށް ހަރަކާތް ފައްޓަވައިދެއްވުމަށް އެޕާޓީގެ ހަރުގޭގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ހަވާލުކުރީ ބަދަލުތަކެއް ގެންނަން ބޭނުންވުމުންކަމަށެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުން ވެފައިވާ ވައުދުތަށް ފުއްދުމަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިން މެޖޯރިޓީ ލޯކަލް ކައުންސިލް އިންތިހާބުގައި ދިނުން މުހިންމު ކަމަށާއި ނުނީ ވައުދުތައް ފުއްދުމުގައި ހުރަސްތަކާ ކުރިމަތިވާނެކަމަށެވެ.
ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަނީ ވަރަށް ބޮޑަށް އިންތިޒާމުކުރެވިގެންކަމަށެވެ. އަދި ދޮރުން ދޮރަށް ހަރަކާތަކީ މި ކެމްޕެއިނުގައި ހިންގާނެ އެންމެ މުހިންމު ހަރަކާތްކަމަށާއި އެގޮތުން މިއީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަށް ކިޔައިދޭން ލިބޭ ފުރުސަތުކަމަށެވެ. ހަމައެހެންމެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ލިބޭ ފުރުސަތުކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިތުބާރު ކުރި ގޮތަށް މި އިންތިހާބުގައި އިތުބާރުކޮށް އެމްޑިޕީ ކެނޑިޑޭޓުންނަށް ވޯޓުދޭން ރައްޔިތުން ތިބީ ތައްޔާރަށްކަމަށެވެ. އަދި ބައެއް ދައިރާގެ މެމްބަރުންކަން ކަށަވަރުވެފައިވުމަކީ އެކަމުގެ ހެއްކެތްކަމަށްވެސް ރައީސްގެ ވަހަކަފުޅުގައި ވިދާޅުވިއެވެ.