ފަރެސްމާތޮޑާގައި ތަރައްގީ ކުރި އެއާޕޯޓު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރިޒްވީ "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓަށް އިއްޔެ ޓެސްޓް ފްލައިޓް އޮޕަރޭޓްކޮށް ނިންމާލާފައިވާ ކަމަށާއި މިހާރު ބަލަމުންދަނީ މާދަމާ ރޭ އެ އެއާޕޯޓަށް ފުރަތަމަ ފްލައިޓް އޮޕަރޭޓްކުރުމަށް ކަމުގައެވެ.
ރިޒްވީ ވިދާޅުވެފައިވަނީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ރޭ އޮންނާނެ ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ކުރިން އިއްޔެ ވަނީ އެއާޕޯޓަށް ޓެސްޓް ފްލައިޓެއް ޖައްސާފައެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އިއްޔެ ހަވީރު 5:28 ގައި ފަރެސްމާތޮޑާ އެއާޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 ކަމަށެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.
ޓެސްޓް ފްލައިޓް ދަތުރުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ އިތުރުން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެ ރަށަށް ވަޑައިގެންނެވިއެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރި މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އެއް އަޅައި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ސްޓޭޝަނެއް ތަރައްގީކުރުމާ އެކު، ރޭގަނޑު ފްލައިޓުތައް ޖެއްސުމަށް ބޭނުންވާ ލައިޓްތައް ހަރުކުރުމުގެ މަސައްކަތްކޮށް ވަނީ ނިންމާފައެވެ.