ads
ބީއެމްއެލްގެ ފަރާތުން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތެއްގެ ތެރެއިން - ފޮޓޯ:ބީއެމްއެލް
އަންނަ ހުކުރު ދުވަހު ބީއެމްއެލް މުވައްޒަފުން މާލެ ސާފުކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު ދުވަހު މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލުން ބުނެފައިވަނީ އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާރުކޭޓް ސަރަހައްދު ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި ބީއެމްއެލްގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނީ އެ ޕްރޮގްރާމުގެ ތެރެއިން މާލޭގެ 12 ސަރަހައްދެއް ސާފުކުރުމަށް ނިންމާފައިވާ ކަމަށެެވެ.

އެ ބޭންކުން ބުނި ގޮތުގައި މިއީ ކޮންމެ އަހަރެއްގެ މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް އާ ގުޅިގެން ބާއްވާ ހަރަކާތެއް ކަމުގައެވެ. މީގެ އިތުރުން ސާފުކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް