ads
ޖާދުއްﷲ އަދި އާމިރާ
ޖާދުﷲ އަދި އާމިރާ އަށް ސުލޫކީ ފިޔަވަޅު އަޅަން އަންގައިފި
ފިލްމު އެސޯސިއޭޝަނުގެ ބޯޑުގެ ދެ މެންބަރުންކަމަށްވާ، މަޝްހޫރު ފިލްމީ ތަރި އާމިރާ އިސްމާއީލް އާއި، ކުޅަދާނަ ޑާންސަރު ޖާދުﷲ އިސްމާއީލްގެ ސުލޫކީ މައްސަލައެއް ފިލްމު އެސޯސިއޭޝަނުން ބަލައި ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ދެ ތަރިންގެ ސުލޫކީ މައްސަލަ ބަލާފައިވަނީ "ޓޯނިވަލް" ނަމުގައި ބޭއްވި ފުޓުބޯޅަ މުބާރާތެއްގެ ތެރެއިން ފިލްމުއެސޯސިއޭޝަނަން ނޭގި އެ އެސޯސިއޭޝަންގެ ނަމުގައިކަންތައްތަކެއް ކުރިކަމަށް ތުހުމަތު ކުރެވޭތީއެވެ. 

އާމިރާއަކީ ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އެވެ. އަދި ޖާދުﷲ އަކީ އެ އެސޯސިއޭޝަންގެ ހަޒާންދާރެވެ. 

ފިލްމު އެސޯސިއޭޝަންގެ ބޯޑު މެންބަރެއް މިއަދު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ، މި ދެ ތަރިންގެ ސުލޫކީ މައްސަލަ ބަލާފައިވާކަަމަށެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ ފިލްމު އެސޯސިއޭޝަނުގެ އާންމު މެންބަރުންނަށްކަމަށެވެ. 

"ބޯޑު މެންބަރުން ކީއްތޯކުރާނީ؟ އާންމު މެންބަރުން ހޮވާފަތިބި މެންބަރުންނާމެދު ފިޔަވަޅު އެޅޭނީ އާންމު މެންބަރުންނަން،" ފިލްމު އެސޯސިއޭޝަންގެ ބޯޑުގެ ދެ މެންބަރުން ކަނޑިކަމަށް ދެކެވޭ ވަހަކައާއި ގުޅިގެން ފިލްމު އެސޯސިއޭޝަނުގެ ބޯޑު މެންބަރެއް މިއަދު ބުންޏެވެ.

މާދަމާ ރޭ ފިލްމު އެސޯސިއޭޝަނުގެ އާންމު ޖަލްސާއެއް ވެސް ވަނީ ބޭއްވުމަށް ނިންމާފައެވެ. އެ ޖަލްސާއޮތީ އޮލިންޕަސް ފުރަގަހުގައި 8:30 ގައެވެ. ބެލެވޭ ގޮތުގައި މި ޖަލްސާގައި ފިލްމު އެސޯސިއޭޝަންގެ ފާސްނުކޮށް އަށް މަސްދުވަސް ވަންދެން ފަސްކުރި ބަޖެޓު ފާސްކުރާނެއެވެ. އަދި މި ދެ ތަރިންނާމެދު ސުލޫކީ ކޮމެޓީން ނިންމާފައިވާ ނިންމުން އާންމުކުރާނެއެވެ. 

މި މައްސަލައިގައި ސީއެންއެމްއިން ގުޅުމުން އާމިރާ މިއަދު ބުނީ މިފަދަ މައްސަލައެއް ބަލަމުން ދާކަން އަންގާފައި ނުވާކަމަށެވެ. އަދި އެފަދަ މައްސަލައެއްގެ ނިންމުންވެސް ލިބިފައިނުވާކަމަށެވެ. ޖާދުﷲ އަށް ގުޅުމުން ފޯނު ނުނަގާތީ އޭނަގެ ކޮމެންޓެއް އަދި ނުލިބެއެވެ. 

މުއުތަބަރުކޮށް މައުލޫމާތު ލިބޭގޮތުގައި، ތިން މެންބަރުން ހިމެނޭ ސުލޫކީ ކޮމެޓީން ނިންމާފައިވަނީ "ޓޯނިވަލް" މައްސަލައިގައި މި ދެތަރިން އަމަލުކޮށްފައިވާގޮތް ގޯސްކަމަށެވެ. އަދި އެ ތަރިންނާމެދު ފިޔަވަޅު އަޅަން ވަނީ އަންގާފައެވެ. 

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ދުވެލި ލަސްވެ އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ބޯޑުގެ ބައެއް މެންބަރުންގެ އިތުބާރު ގެއްލޭ މައްސަލަ އާންމު މެންބަރުންގެ ތެރޭގައި ވަނީ ހޫނުވެފައެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް