
ކޮވިޑްގެ ބަލިމަޑުކަމުގެ އިސްތިސްނާ ހާލަތު ފިޔަވައި، ރާއްޖެއިން ކޮންމެ އަހަރަކުވެސް 1000 މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއީން ކޯޓާ ދެއެވެ. މިއަހަރުވެސް 1000 މީހުންގެ ޖާގަވަނީ ރާއްޖެއަށް ދީފައެވެ.
މިއަހަރު މީހުން ހައްޖަށް ގެންދަން ފުރުސަތު ދިނުމަށް ނިންމާފައިވަމީ ތިން ކުންފުންޏަކަށެވެ. އޭގެތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ ކޯޓާ ދޭނީ ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 11 ކުންފުންޏަކުން ކުރިމަތި ލާފައިވާއިރު އެކަމަށް ހުއްދަ ލިބޭ ކުންފުނިތައް ފެށޭ ރޯދަ މަހުގެގެ ކުރީކޮޅު ކަނޑައެޅުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ، ކުރިން ވިދާޅުވީ ރާއްޖެއަށް އިތުރު 2500 ހައްޖު ކޯޓާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށެވެ.