
ކުޅިވަރު މިނިސްޓްރީން މިއަދު ބުނީ، މޫސުމް ގޯސްވުމުގެ ސަބަބުން ހުކުރު ދުވަހުގެ ރެއަށް ސްޕޯޓްސް އެވޯޑްސް ފަސް ކުރެވިފައިވާ ކަމަށެވެ. މޫސުމް ގޯސްވެގެން އިވެންޓް ފަސްކޮށްފައިވާއިރު، އިވެންޓުގައި ބައިވެރިވުމަށް ބޭރުގެ ބައެއް މަޝްހޫރު ތަރިން މިހާރުވަނީ ރާއްޖެ އައިސްފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަށް ސަރުކާރުން ދޭ އެވޯޑެކެވެ. މި އެވޯޑް ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ހުނަރާއި ވަނަތައް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖްތަމައެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. ސްޕޯޓްސް އެވޯޑް އިވެންޓް މިދިޔަ އަހަރުވެސް ވެގެންދިޔައީ ވަރަށް ގިނަގޮތް ގޮތުން ފާހަގަކޮށްލެވޭ ކުޅިވަރު އިވެންޓަކަށެވެ.
މި ފަހަރުގެ އެވޯޑްސްއަށް ބޭރުން މިހާރު ރާއްޖެއަށް އައިސްފައިވާ ތަރިންގެ ތެރޭގައި އިޓަލީއަށް ވޯލްޑްކަޕް ހޯދައިދިން ކެޕްޓަން ފަބިއޯ ކަނަވާރޯގެ އިތުރުން އިގިރޭސި ކުރީގެ އެއްވަނަ ގޯލް ކީޕަރު ޖޭމްސް ހިމެނެއެވެ.
މިދިޔަ އަހަރު އޮތް ސްޕޯޓްސް އެވޯޑްގައި ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރު ލެޖެންޑުން، ވޯލްޑް ރެކޯޑް ހޯލްޑަރުން ބައިވެރިވިއެވެ. މިދިޔަ އަހަރުގެ އިވެންޓުން ފާހަގަވި އެތްލީޓުންގެ ތެރޭގައި ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސްއާ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ ހިމެނެއެވެ.