މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެ ނައިޓްމާކެޓް ފަސްކޮށްފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިދުވަސްކޮޅު މީހުން އެއްވެ އުޅުމަކީ ރަނގަޅު ކަމަކަށް ނުވާތީ ނައިޓްމާކެޓް ފަސްކުރީ ކަމުގައި ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
އެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ނައިޓް މާކެޓް ކުރިއަށްގެންދާނެ ފަރާތެއް ހޯދުމަށް އިއުލާންކުރުން ފަސްކުރުމަށް ވަނީ ނިންމާފައެވެ.
ނައިޓްމާކެޓާއި ފެއާތައް ބޭއްވުމުގެ އުސޫލުގެ ދަށުން އަހަރަކު ދެ ފަހަރު ނައިޓްމާކެޓް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވާއިރު، މިހާރު މިއޮތް ހާލަތު ރަނގަޅު ވެއްޖެ ހިނދެއްގައި ނައިޓްމާކެޓް ބޭއްވުމުގެ ވިސްނުން ގެންގުޅޭކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔާ، ޝިފާ މުހައްމަދު ވިދާޅުވި އެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ކެއާ ސޮސައިޓީ އިން ބޭއްވުމަށް ހުއްދަ ދީފައިވާ ފަންޑް-ރެއިޒިން ހަރަކާތް ފަސްކުރުމަށް އެފަރާތަށް އެންގުމަށް މި ބައްދަލުވުމުގައި ނިންމާފަ އެވެ.
މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކަތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން އަޅަމުންދާއިރު، ސުކޫލް ތަކުގެ އިތުރު ހަރަކާތްތައް ވެސް މެދުކަނޑާލަން ސަރުކާރުން ވަނީ އަންގާފަ އެވެ. އަދި ތަންތަނަށް މީހުން އެންވެ ނޫޅުމަށް ސަރުކާރުން އިލްތިމާސް ކޮށްފައި ވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހަތް ގައުމަކަށް ދަތުރު ކުރާއިރު ސަމާލުވުމަށް ވެސް އަންގާފަ އެވެ.