
ކައުންސިލް އިންތިހާބުގައި އެމްޑިޕި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެޕާޓީން ދޮރުން ދޮރަށް (ޑޯޓު ޑޯ) ޕްރޮގްރާމު ފެއްޓުމަށް މިއަދު އެމްޑިޕީ ހަރުގޭގައި ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނީ އެޕާޓީން ކަމަށާއި ނަމަވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން ފޯރުކޮށްދެމުން އަންނަ އާސަންދައާ އެންސްޕާގެ ހިދުމަތްތައް ހުއްޓާލުމަށް ކުރީ ސަރުކާރުގައި މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އުސޫލެތްނެތި އާސަންދައާއި އެންސްޕާ ހިންގަމުން ގޮސްފައިވާއިރު ބޭސް ފަރުވާއަށް ކުޑަ ފައިސާ ކޮޅަކާއި ދެ ކޮޅު ޓިކެޓް ހަމަޖައްސަމުންދިޔަ ކަމަށެވެ.
ނަޝީދު ވިދާޅުވީ މި ސަރުކާރުން ހިލޭ ކިޔެވުމުގެ ފުުރުސަތު ހުލުވާލުމުން މަތީ ތައުލީމު ހާސިލް ކުރާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އާބާދީ ކުދި ރަށްރަށުގައިވެސް ހައެއްކަ ކުދިން ކިޔަވަމުންދާކަމަށެވެ. އަދި އެކަމަކީ ތަރައްގީއަށް އެޅިފައިވާ ބިންގަލެއްކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މާދަމާ ކުރިއަށްދާ އަންހެނުންގެ ރޫހު ހަރަކާތްތައް ފަށާނީ ހެނދުނު 8:30 ގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިލިނގިލީގައި ކުރިއަށްދާ ނުވަ ސްޓޯލުގައި ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ލިބިގެންދާނެކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.