
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އާއި ފުލުހުންގެ އެގެޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
ފުލުހުން ބުނީ ގަލޮޅު ޕޮލިސް ސްޓޭޝަން އާ އިމާރާތަކަށް ބަދަލު ކުރެއްވީ މާލެހިޔާގައި ހިންގަމުން ދިޔަ ޕޮލިސް އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ ކަމަށެވެ. ކުރިން އެންސްޕާ ހިންގި އިމާރާތް ދޭން ނިންމީ ގަލޮޅު ޕޮލިސް ބަދަލު ކުރެއްވުމަށް ކުރި އިއުލާނެއްގެ ދަށުންނެވެ. އަދި މި އިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް ކަމަށް ފޮލިހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ހިދުމަތް ދޭން ފެށުމުން ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބާހުޑް އޮފިސަރުން އެެއް އިމާރާތަކުން މަސައްކަތްކުރަންވަނީ ފަށާފައިކަމަށާއި، މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ދެވޭ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމެއްކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
މީގެ ކުރިން މާފަންނު ޕޮލިސްވެސް ވަނީ ބަދަލުކޮށް، މަސައްކަތްކުރަމުން ދިޔަ އިމާރާތް މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ހުރި އިމާރާތަށް ބަދަލުކޮށްފައެވެ.