
މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ސްވިމިން ކެޓަގަރީން އެންމެ މޮޅު ތިން އަންހެން އެތްލީޓުންގެ ގޮތުގައި ނޮމިނޭޓްވެފައިވަނީ މިރާލް އައިން ލަތީފު، އައިޝަތު ސައުސަން އަދި ހަމްނާ އަހްމަދެވެ. މި ތިން އެތްލީޓުންނަކީވެސް ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ކާމިޔާބީތައް ހޯދާފައިވާ ތިން އެތްލީޓުންނެވެ.
އެކަމަކު ނޮމިނޭޝަންސްއާ ގުޅޭ ސީރިއަސް ޝަކުވާާތަކެއް ފެންމަތިވީ ރިކޯޑްތަކަށް ބަލާއިރު ގަދަ ތިނެއްގައި ހިމެނެން ޖެހޭ އެހެން އެތްލީޓެއް ނޮމިނޭޓްވެފައި ނެތް ކަމަށް ބުނެ އެތްލީޓެއްގެ ބެލެނިވެރިން އެކަން ފާހަގަ ކުރި ހިސާބުންނެވެ.
ނޮމިނޭޓް ނުވި އެތްލީޓުގެ ބެލެނިވެރިޔަކުވަނީ ނޮމިނޭޝަންސްްއާ ގުޅޭ ޝަކުވާތައް ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލާފައެވެ. (މައްސަލަ ދިމާވެގެން އުޅޭ އެތްލީޓަކީ އުމުރުން 18 އަހަރުން ދަށުގެ އެތްލީޓެއް ކަމަށްވާތި އެތްލީޓުގެ ނަން މި ހަބަރުގައި ނުހިމަނަމެވެ).
މި ކަމާ ގުޅޭ ގޮތުން ސްޕޯޓްސް މިނިސްޓްރީންވެސް އަދި ސްވިމިން އެސޯސިއޭޝަނުންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
ސްޕޯޓްސް އެވޯޑްސް އޮންނާނި މިރޭއެވެ. ސްވިމިންގެ ނޮމިނޭޝަންގެސް އިތުރުން އެހެން ބައެއް ކުޅިވަރުތަކުންވެސް އެތްލީޓުންގެ ބައެއް ޝަކުވާތައް މީޑިއާގައިވަނީ ތިލަވެފައެވެ. މިދިޔަ އަހަރުވެސް ބައެއް އެވޯޑްތައް ދިން ގޮތާމެދު ހިތްހަމަ ނުޖެހުންތަކެއް އުޅުނެވެ.