
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި މިއަދު ދަރުބަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒަމާނާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ބަދަލުކުރަމުން ގެންދާކަމަށެވެ.
އެގޮތުން ފުލުހުން ޒަމާނީކޮށް ހިދުމަތް ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ޓޭޒާ ގަން މިއަހަރު ބޭނުންކުރަން ފެށިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެއްވެސް ހާލެއްގައި އެރީ ރައްޔިތުންނާ ދެކޮޅަށް ފުލުހުން ހަމަލާދިނުމަށް ބޭނުންކުރާނެ ވަސީލަތެއް ނޫން ކަމަށެވެ.
ނަމަވެސް ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާންޖެހޭ ހާލަތްތަކުގައި ފުލުހުންގެ ރައްކަލަކަށް ޓޭޒާ ގަން ބޭނުންކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު ޓޭޒާ ގަން ބޭނުންކުރަން ފުލުހުން ފެށުމުން ރާއްޖޭގެ ބައެއް އަމިއްލަ ޖަމާއަތްތަކުންވަނީ ޓޭޒާ ގަން ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރަށް މި ފަހުން ގޮވާލާފައެވެ.
އެގޮތުން ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތަށް ކަމަށާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އާއި، ހޭންޑްސް ޓުގެދާ، މެންޓަލް ހެލްތު ސަޕޯޓް ގްރޫޕާއި، ރައިސް އަޕް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސް އިންވަނީ ޓޭޒާ ގަން ބޭނުން ކުރުން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލައިފިއެވެ.
އެ ޖަމިއްޔާތަކުން ބުނީ ޓޭޒާ ގަން އަކީ އިންސާނުންގެ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ކަމަށެވެ. އޭގެ ސަބަބުން މީހުންގެ ފުރާނަ ގެއްލޭ ނުރައްކާތެރި އެއްޗެއް ކަމަށްވެސް ބުންޏެވެ.