ދިރާގުން ބުނީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ގެ މި ދެވަނަ ފެސިލިޓީގެ ސަބަބުން ދިރާގުގެ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެ ކަަމަށެވެ.
ދިރާގުން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ސަބަބުން ގްލޯބަލް އިންޓަނެޓް ސުޕަހައިވޭ އާ ރާއްޖެ ގުޅާލައި، ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އިންޓަނެޓުގެ ލެޓެންސީ ކުޑަކޮށް ކުރިއަށް ވުރެ ފެންވަރު ރަނގަޅު އަދި ހެޔޮ އަގެއްގައި ދިރާގު އިންޓަނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ބުނި ގޮތުގައި މި ފެސިލިޓީ ސޮއިކުރުމާ އެކު އައިއެފްސީ އަދި އޭޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ. މި ފައިނޭންސިން އާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ދިރާގުން ބުނެފައިވަނީ އެ ކުންފުނިން މިދިޔަ އަހަރު މި ފައިނޭންސިންގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފައިވާ ކަމަށާއި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ މި ފެސިލިޓީން ކުންފުނީގެ ވޯކިން ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމަންޓް ޕްރޮގްރާމަށް ހަރަދުކޮށް، ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދިގެންދާނެ ކަމަށެވެ. އެގޮތުން ކުންފުނީގެ 5ޖީ ހިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕެންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެ ކަމަށް ދިރާގުން ބުނެއެވެ.
"އައިއެފްސީ އާއި އޭޑީބީ އާއެކު މި ދެވަނަ ފެސިލިޓީގައި ސޮއިކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ރާއްޖެ ސީމީވީ 6 ސަބްމެރީން ކޭބަލް ސިސްޓަމް އާ ގުޅުވައިދޭނެ މުހިންމު އިންވެސްޓްމަންޓެއް. ސީމީވީ 6 ކޮންސޯޓިއަމްގެ މެންބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާ ދެމެދު ވާ ގިނަ އިންޓަނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް މަގުފަހިވާނެ. މީގެ އިތުރުން މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލުކުރުމުގައިވެސް އެޅޭ ވަރަށް މުހިންމު ބިންގަލެއް،" ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އައިއެފްސީން ސްރީ ލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަ އަލެހާންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ކަނެކްޓިވިޓީއަކީ ވަރަށް ބޮޑު ފުރުސަތެއް އޮތް އެއްޗެއް ކަމަށާއި ވަކިން ހާއްސަކޮށް ގުޅިފައި ނުވާ މީހުން ގުޅާލައި، ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ޑިޖިޓަލް ކަނެކްޓިވިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމުގައެވެ. އެގޮތުން އައިއެފްސީން އެންމެ ފަހުން ދިރާގަށް މި ކުރާ އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި އަދި އިތުބާރު ހިފޭ ކަނެކްޓިވިޓީ ގާއިމްވެ، ހުރިހާ ފަރާތްތަކެއްވެސް ޝާމިލްވާ ފަދަ ވިޔަފާރީގެ ކުރިއެރުން ބިނާވެ އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަަމަށް އަލްވަރޭޒް ވިދާޅުވިއެވެ.
"މޮބައިލް އަދި އިންޓަނެޓް ކަނެކްޓިވިޓީ ލިބުމަކީ އިޖުތިމާއީ އަދި އިގުތިސޯދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އަދި ހާއްސަކޮށް ދިވެހިރާއްޖެ ފަދަ އާބާދީ ބެހިފައިވާ ޖަޒީރާ ގައުމަކަށް މިއީ ވަރަށް މުހިންމު ކަމެއް. އޭޑީބީގެ މި އެހީއަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް އަޅުގަނޑުމެން ވެދިން މިފަދަ ފުރަތަމަ އެހީ. އަދި މީގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ ކަނެކްޓިވިޓީ އިތުރަށް ފުޅާވެ ކުޑަ އަގެއްގައި ހަލުވިކަމާ އެކު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" އޭޑީބީ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަ ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވިއެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ ފުޅާކޮށް ޑިޖިޓަލް އިގުތިސޯދުގައި ޖަޒީރާ މުޖުތަމައުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަ ތަރައްގީކުރުމަށް ކަމަށް ދިރާގުން ބުނެއެވެ.