
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ރައްޔިތުން އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތަކީ ގޮންޖެހުން ބޮޑު އަދި ދިގު ރާސްތާއެއް ކަޑައްތު ކުރަންޖެހޭ މަސައްކަތެއް ނަމަވެސް އެކަން ކާމިޔާބު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ހިދުމަތަށް ފުލުހުންގެ ހިދުމަތް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަމަށާއި އެގޮތުން ގާނޫނުގެ ތެރެއިންވެސް ބޮޑެތި ބަދަލުތަކެއް ނެގެވިފައިވާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފުލުހުންނަށް އިތުބާރު ހޯދާ،ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އެނގިތިބެ ކަމަށާއި މިއަދު ފެށިގެންދިޔަ ކޮންފަރެންސްއަކީ ފުލުހުންނަށް އިތުބާރު ހޯދުމަށް އެޅޭ މުހިއްމު ވިޔަވަޅެއްކަމަށެވެ.
ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި، އިހްތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބު ކުރެވިގެން ކުރަން ޖެހިފައިވާ ދަތި ގޮންޖެހުން ބޮޑު އުދަނގޫ މަސައްކަތެއްކަމަށް އިމްރާން ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން މިހާރު މި ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ހިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގ ދެމެހެއްޓުންކަމަށާއި ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމައުގެ އެއްބައިކަން އެންމެން ގަބޫލުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުމައްމަދު ސޯލިހްވެސް މި ކޮންފަރެންސްގައި މިއަދު ވިދާޅުވިއެވެ.