ads
މީގެ ކުރިން އެޗްޑީސީން ބޭއްވި މާހެފުމެއްގެ ތެރެއިން - ފޮޓޯ:އެޗްޑީސީ
އެޗްޑީސީ ރޯދަޔަށް ތައްޔާރު
ރޯދަ މަސް ފެށެން ގާތްވެފައިވާއިރު، އެ މަހަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ރޯދަ މަހަށް ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި އިޖުތިމާއީ އެކި ކަންކަމަށް ވާން ޖެހޭ ތައްޔާރީތައް އެ ކޯޕަރޭޝަނުގެ ފަރާތުން ވަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ޓަކައި، އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް ވިނަރެސް ޔުނިޓެއް ހިލޭ އެ ކުންފުންޏަށް ދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެސްޓީއޯއަށް ދިން އެ ޔުނިޓުގައި އާ ފިހާރައެއް މިހާރު ހުޅުވާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހިޔާ ސަރަހައްދަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް އެ ކޯޕަރޭޝަނުން ވަމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރު ކުރުމާއި ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމުގައެވެ.

އެކަމުގައި އެ ކޯޕަރޭޝަނުގެ ގިނަ މުވައްޒަފުންތަކެއް ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު، ރޯދަ މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ ރޯދަ މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް އެ ކޯޕަރޭޝަނުން ތައްޔާރުވެފައިވާއިރު، ހުކުރު ދުވަހު އެ ކޯޕަރޭޝަނާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ބާއްވާފައިވާ ކަމަށެެވެ.

އެޗްޑީސީން ބުނެފައިވަނީ ރޯދަ މަސް ތެރޭގައި އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ ތައްޔާރުވެފައި ކަމަށެވެ. އޭގެ ތެރޭގައި ދީނީ ހަރަކާތްތަކާއި އެކި ކުޅިވަރު ހަރަކާތްތައް ހިމެނޭކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި ބާސްކެޓް ބޯޅަ މުބާރާތުގެ އިތުރުން ވޮލީ ބޯޅަ މުބާރާތް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީ އާ ގުޅިގެން ބައިބަލާ މުބާރާތް ހުޅުމާލޭގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނި ގޮތުގައި ރޯދަ މަހު ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ. 

ރޯދަ މަހާ އަދި އެނޫން މަސްތަކުގައި ވެސް އެޗްޑީސީން ބާއްވާ މިފަދަ ހަރަކާތްތަކަށް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް