އައްޑޫއަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފެނަކައިން ބުނީ ސެންޓްރަލް ޕަވަރހައުސްގެ އަޕްގްރޭޑިންގް މަސައްކަތަށް، ޕެނަލް އަޕްގްރޭޑް ކުރުމަށާއި އަލަށް ގެނައި ދެ އިންޖީން ކަރަންޓްވިއުގައަށް ގުޅުމުގެ މަސައްކަތް ކުރުމަށް މާދަމާ ހެނދުނު 9:00 އިން 16:00 އަށް ކަރަންޓް ކަނޑާލާނެ ކަމަށެވެ.
ފެނަކައިން އިތުރަށް ބުނީ ރޭވިފައިވާ ގޮތަށް އިތުރު މައްސަލައެއް ނުޖެހި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ ހަވީރު 16:00 އަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"ކަރަންޓް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ތިޔަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާދަށް އެދެން" ފެނަކައިން ބުނެ އެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫއަށް ކަރަންޓުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ދޭތޭރެ ދޭތެރެއިން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑައިގެންދާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އައްޑޫގައި 20 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމުކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް 37.5 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.