އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ބައެއް އިންތިހާބުތަކުގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން މޮނިޓަރުންގެ ގޮތުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ފޮނުވާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެބަހުރި ބައެއް ކަހަލަ ހިތި ތަޖުރިބާ ކުރެވިފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.
އެގޮން ބައެއް ނޫސްތަކުން ސިޔާސީ ބޭފުޅުން ފޮނުވުމުން ހަމަނުޖެހުން ހިންގާ، ވޯޓްލާ މަރުކަޒުގެ ވެރިންނަށް ހަމަލާ ދިނުމުގެ އިތުރުން ވޯޓްލާ މަރުކަޒުގައި ކެމްޕޭން ކުރުންފަދަ ކަންކަން ހިންގާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.
އާންމު އިންތިހާބާބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅަން ޖެހުނީ އެފަދަ ކަންކަން ހުރުމުންކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އެފަދަ ކަންކަން އެހެން ހިނގާފައިވާތީ ނޫސްވެރިންނާއި މޮނިޓަރުންގެ ގޮތުގައި ބައިވެިވާ ފަރާތްތަކުން ދެ ގަޑިއިރެއްހާ އިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފޭސް ޓު ފޭސްކޮށް ނުވަތަ އޮންލައިންކޮށް ފުރިހަމަކުރަން ޖެހޭގޮތަށް ނިންމާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުން މީޑިއާތަކަށް އިންތިހާބު ކަވަރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.