
މަމްސް އެއިޑަކީ އަންހެނުން، ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފެދިފައިވާ ޖަމިއްޔާއެކެވެ. 'ރަމަޟާން އެއިޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ.
ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި މި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑަށް އެއްބާރުލުންދީ މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.
ބިޝާރާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރާކަމަށް ބިޝާރާ ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ 'ރަމަޟާން އެއިޑް' ކެމްޕެއިނަށް ދިރާގުން ވެދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރަން. ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފޯރުކޮށްދެވޭނެ،" މަމްސް އެއިޑުގެ ޕްރޮގްރާމް ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވިއެވެ.
މަމްސް އެއިޑުގެ ފަރާތުން ކުރިއަށް ގެންދާ 'ރަމަޟާން އެއިޑް' ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އާންމުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމުތަކަށް އެއްބާރުލުން ދެމުންނެވެ.