
މަސްދުވަހަށް ވުރެ ގިނަ ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު ރާއްޖެއައިސް ތިބި ޕާކިސްތާނު ޓީމު ލ. އަތޮޅަށް މިއަދު މެންދުރު ދިޔުމުގެ ކުރިން، އިއްޔެ އެ ޓީމުވަނީ މާލޭގައި ޕްރެކްޓިސްކޮށްފައެވެ. ލ. އަތޮޅުގައި އެ ޓީމުގެ އޮފިޝަލް ޕްރެކްޓިސް އޮންނާނީ މިއަދު ހަވީރުއެވެ.
މާދަމާ އދިވެހި ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅޭ ޕާކިސްތާނު ފުޓްބޯޅަ ޓީމުގައި އިނގިރޭސިވިލާތުގެ ކްއީންސް ޕާކް ރޭންޖާރސް- ކިއުޕީއާރުގެ ޔޫތު ޓީމުގެ ކުޅުންތެރިއަކުވަނީ ހިމަނާފައެވެ.މި މެޗަށް ޕާކިސްތާނުން ޕްރެކްޓިސް ކުރުމަށް ފަހު 23 ކުޅުންތެރިންގެ ސްކޮޑެއް އިއުލާންކޮށްފައިވާއިރު އެ ޓީމުގައި ކިއުޕީއާރުގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅޭ ހާރޫން ހާމިދު ހިމެނެއެވެ.
އޭނާއަކީ ކިއުޕީއާރު އެކަޑަމީން ތަމްރީން ވެގެން އައި ކުޅުންތެރިއެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޕާކިސްތާނަށް ނިސްބަތްވާ މި ކުޅުންތެރިއާއަކީ އިގިރޭސި ސިޓިޒަންޝިޕްވެސް އޮންނަ ކުޅުންތެރިއެކެވެ.
ކިއުޕީއާރުގެ ޒުވާން ޓީމުގައި ހިމެނޭ ކުޅުންތެރިއެއްގެ އިތުރުން ޑެންމާކުގެ އެއްވަނަ ޑިވިޝަނުގައި ކުޅޭ ޕާކިސްތާނު ދަރިކޮޅުގެ ކުޅުންތެރިއެއްވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ ފްރެންޑްލީ މެޗަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފައިވެއެވެ.
ރާއްޖެއަށް އަންނަން ޕާކިސްތާނުން ނެގި 23 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެއް ކުޅެފައިވާ ތަޖުރިބާކާރު ކީޕާރު ހަނީފް ސާގިބުވެސް ހިމެނެއެވެ. ޕާކިސްތާނުން އިއުލާން ކުރި 23 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ 10 ޑިފެންޑަރުންނާއި ހަތަރު މިޑްފީލްޑަރުން އަދި ހަ ފޯވާޑުންނާއި ތިން ގޯލް ކީޕަރުންނެވެ.