
ފުލުހުން ބުނީ މިމައްސަލާގައި ރޭ ހައްޔަރުކޮށްފައިވަނީ ހަތަރު ފިރިހެނުން ކަމަށެވެ. މީގެއިތުރުން ރޭގެ މުޒާހަރާގައި ފުލުހުންނަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި، އަށް ފިރިހެނުންނާ، ނުވަ އަންހެނުން ވެސް ހައްޔަރުކުރިކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ރައީސް ސޯލިހްގެ މޮޓޮކޭޑަށް ހުރަސްއެޅި މައްސަލަގައި ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް އެމްއެންޑީއެފުންވެސް މިއަދު ވަނީ ބުނެފައެވެ.
އިދިކޮޅު ތުހުމަތުކުރަނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ގޮސް ކުއްލިއަކަށް އިހްތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި އެއީ ރޭވިގެން ހިންގި އަމަލެއްކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ދިޔަ ވަގުތަކީ އިހްތިޖާޖުގެ ބައިވެރިން އިހްތިޖާޖު ނިންމާލުމަށްފަހު، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވި ވަގުތު ކަމަށެވެ.
މިމައްސަލާގައި ރޭ ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރޭ ފެނިގެން ދިޔައީ ރާއްޖޭގެ ތާރީހުގައިވެސް އަލަަށް ފެނުންު މަންޒަރެއް ކަމަށާއި މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޮކޭޑް ވަނުމަކީ މިހާތަނަށް ރާއްޖޭގައި ހިނގިކަމެއް ނޫން ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް ސޯލިހްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށެވެ.