
އެކޮމެޓީގެ އަމިއްލަ އިސް ނެގުމަށް މިމައްސަލަ ބަލަން ނިންމިއިރު، ރައީސްއަށް ސެކިއުރިޓީ ފޯރުކޮށްދޭ، އެމްއެންޑީފުންވެސް ވަނީ މިމައްސަލަ ބަލަން ފަށާފައެވެ.
ރައީސްގެ މޮޓޮކޭޑަށް އިދިކޮޅު ފަރާތްތަކުން ރޭ ހުރަސްއެޅީ ހުޅުމާލޭގައި އޮތް އިވެންޓަކަށް ވަޑައިގެންވުމަށް ފަހު، މާލެ ވަޑައިގެންނެވި މަގުމަތިން، ބޮޑުތަކުރުފާނު މަގުން، ޕީޕީއެމްގެ އޮފީސް ދޮރުމަތީ ތިބި އިދިކޮޅު ސަޕޯޓަރުންނެވެ.
މިމައްސަލާގައި ރޭ ހަތަރު މީހަކު ހައްޔަރުކޮށް އެކަން ބަލަމުން ދާކަމަށް ފުލުހުން ބުނެއެވެ. އަދި ރޭގެ އެއްވުމުގައި ފުލުނުންނަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޖުމްލަ 22 މީހަކު ހައްޔަރުކުރިއިރު، ރޭ ހައްޔަރުކުރި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ދޫކޮށްލާފައެވެ.
ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ އެމަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.
އިދިކޮޅުން ތުހުމަތު ކުރަނީ ރޭ ރައީސްގެ މޮޓޮކޭޑް މުޒާހަރާގެ ތެރެއަށް ވަނީ ރޭވިގެން ހިންގި އަމަލެއްގެ ތެރެއިން ކަމަށެވެ.