
ރައީސް ގެ މޮޑޯކޭޑް ހުއްޓިވި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
ރައީސްގެ މޮޓޮކޭޑަށް އިދިކޮޅު ފަރާތްތަކުން ރޭ ހުރަސްއެޅީ ހުޅުމާލޭގައި އޮތް އިވެންޓަކަށް ވަޑައިގެންވުމަށް ފަހު، މާލެ ވަޑައިގެންނެވި މަގުމަތިން، ބޮޑުތަކުރުފާނު މަގުން، ޕީޕީއެމްގެ އޮފީސް ދޮރުމަތީ ތިބި އިދިކޮޅު ސަޕޯޓަރުންނެވެ.
މިމައްސަލާގައި ރޭ ހަތަރު މީހަކު ހައްޔަރުކޮށް އެކަން ބަލަމުން ދާކަމަށް ފުލުހުން ބުނެއެވެ. އަދި ރޭގެ އެއްވުމުގައި ފުލުނުންނަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޖުމްލަ 22 މީހަކު ހައްޔަރުކުރިއިރު، ރޭ ހައްޔަރުކުރި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ދޫކޮށްލާފައެވެ.
މަޖިލީހަށް މިއަދު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މުޒާހަރާގެ ތެރެއަށް ރައީސްގެ މޮޓޮކޭޑް ވަނީ ނޭންގި ނޫންކަމަށާއި އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގިކަމެއްކަމަށް ބެލެވޭ ކަމަށެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެކަން ކުރިން އެނގި އިހުމާލުވެފައިވާކަން އެނގިފައިވަނިކޮށް ރައީސް ސޯލިހުގެ ސެކިޔުރިޓީ ބްރީޗުވުމުން ޑިފެންސް މިނިސްޓަރުގެ މާރިޔާ ޒިންމާ ނަންގަވަން ޖެހޭކަމަށްވެސް ކުއްލި މައްސަލާގައި ބުނެފައިވެއެވެ. އަދި މިމައްސަލަ ތަހުގީގު ކުރުމަށާ، މާރިޔާ މަގާމުން ވަކިކުރުމަށް ކުއްލި މައްސަލާގައިވަނީ ގޮވާލާފައެވެ.
ނަމަވެސް މިމައްސަލަ ބަލައި ނުގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.