
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ ބައެއް މިދިޔަ އަހަރުވެސް ރާއްޖޭގައި ބޭއްވިއެވެ. ރާއްޖޭގައި ބޭއްވި ބައިގެ އިންތިޒާމްތަކުގެ ފުރިހަމަ ކަމަށް އައިބީސީންވަނީ ތައުރީފުކޮށްފައެވެ.
އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓް މަހުގެ 3 އިން 12 އަށެވެ. ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކު) ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް)، ހަޒާންދާރު އަޙްމަދު ޝާފިއުގެ އިތުރުން ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ވަނީ ބައިވެރިވެފައެވެ.
އައިބީސީގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ، ވިޒިޓް މޯލްޑިވްސް ޕްރޯގެ މިދިޔަ އަހަރުގެ ސީރީސް ފަށްޓަވައިދެއްވީވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެވެ. އެ މުބާރާތުގައި ބޮޑީ ބޯޑިންގެ ދުނިޔޭގެ އަންހެން އަދި ފިރިހެން ޗެމްޕިއަނުން ރާއްޖެ އައިސްފައިވެއެވެ. އެ މުބާރާތުގައި ދިވެހި އެތްލީޓުންވެސް ކުރިއެވެ.