
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްއަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީއާއި އެމްޑީއޭއިން ވަނީ ނިންމާފައެވެ. ރައީސް ސޯލިހް މިއަދު ވަނީ ކޯލިޝަން ލީޑަރުންނާ ބައްދަލު ކުރައްވާފައެވެ.
މުލިއާގޭގައި މިއަދު އޮތް ބައްދަލުވުމުގައި ރައީސް ސޯލިހްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެވެ.
މިހާރުގެ ކޯލިޝަން ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފައެވެ. ރައީސް މައުމޫނުގެ އެމްއާރުއެމުން އަދި ގޮތެއް ނުނިންމައެވެ.
މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުންކަމަށެވެ. އަދި އެމްޑީޕީއާ، އެމްޑީއޭއާއެކު އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ.