
އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް މިހާރު އެއްބަސްވެފައިވާ ޕާޓީތަކުގެ ލީޑަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުގެ ކޯލިޝަން އެއްބަސްވުން އޮތީ، ދައުރު ނިމެންދެން އެކުގައި ތިބުމަށް ކަމަށެވެ.
ނަމަވެސް ދައުރު ނިމެންދެން އެކުގައި ނުތިބެވޭނަމަ އެހިސާބުން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒު ކުރެވޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެއިތުރުން ހިޔާލު ތަފާތުވާ ބަޔަކާއެކު ނިންމުންތައް ނިންމަން އުނދަގޫވާނެކަމަށްވެސް ރައީސް މިއަދު ވިދަޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު، ކޯލިޝަން ޕާޓީތަކުގެ ތެރެއިން ރައީސް ސޯލިހްއާއެކު އިންތިހާބުގައި ކުރިއަށް ދިއުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް އިންތިހާބަށް ނެރުމަށެވެ. އަދި އެޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
ރައީސް ސޯލިހް މިއަދު ވިދާޅުވީ އެމްޑީޕީއާ އަދާލަތު އަދި އެމްޑީއޭއާއެކު ރިޔާސީ އިންތިހާބު އެއްބުރުން ކަމިޔާބު ކުރެވޭނެކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ގުޅިއްޖެނަމަ އެކަން ފަސޭހަވެގެން ދާނެކަމަށާއި ޖޭޕީގެ ޖަވާބެއް ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މުލިއާގޭގައި މިއަދު އޮތް ބައްދަލުވުމުގައި ރައީސް ސޯލިހްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެވެ.