ads
އެމްޕީއެލް މުވައްޒަފުން މަސައްކަތުގައި ހަރަކާތްތެރިވަނީ: ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ ލިބޭނެ - ފޮޓޯ:އެމްޕީއެލް
ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި އެމްޕީއެލްގެ މުވައްޒަފުންނަށް 5،000 ރުފިޔާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްޕީއެލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްޕީއެލް އާއި އެ ކުންފުނީގެ ދަށުން ހިންގަމުންދާ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭ 3،000 ރުފިޔާގެ އިތުރުން 'ރޯދަ ހަދިޔާ' ގެ ގޮތުގައި ކޮންމެ މުވައްޒަފަކަށްވެސް އިތުރު 2،000 ރުފިޔާ ދިނުމަށް އެ ކުންފުނީގެ މެނޭޖްމަންޓާއި ބޯޑުން ނިންމާފައިވާ ކަމަށެވެ.

ކުންފުނީގެ މުވައްޒަފުންނަށް ދޭ ރޯދަ މަހުގެ އިނާޔަތުގެ އިތުރަށް 2،000 ރުފިޔާ ދިނުމަށް އެ ކުންފުނީގެ މެނޭޖްމަންޓާއި ބޯޑުން ނިންމީ ބަނދަރުތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުންނަކީ ރޯދަ މަހުވެސް މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށްވާތީ އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް އެމްޕީއެލުން ބުނެއެވެ.

މީގެއިތުރުން، ރޯދަ މަހަކީ މާލޭގެ ވިޔަފާރިވެރިންގެ ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދުތައް އިތުރުވާ މަހަކަށްވާއިރު، އެ ކުންފުނީގެ އޮޕަރޭޝަންސްތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެ ކުންފުނީގެ މުވައްޒަފުންކަމަށް އެމްޕީއެލުން ބުނެއެވެ. އެމްޕީއެލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ ދަށުން ހިންގަމުންދާ ހިތަދޫ ޕޯޓާއި ކުޅުދުއްފުށި ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ރޯދަ މަހު ވަރަށް ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް ވާތީ އެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ކުންފުނިން ފާހަގަކުރާ ކަމަށެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތައް ރޯދަ މަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައިވަނީ މި އަހަރުގެ ރޯދަމަހު އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާ އެކު މި ރޯދަ މަހު ދަތިކަމެއް ނެތި މުދާ ކްލިއާކުރުމަށް އެމްޕީއެލުން ތައްޔާރުވެފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް