
ރޯދަ މަހު ބާއްވަމުންދާ ކްރިކެޓް ކާނިވަލުގެ ތެރެއިން މިއަހަރުގެ އޮފީސް މުބާރާތުގައި ބައިވެރިވެފައިވަނީ ނުވަ ޓީމެވެ. އެއީ ގްރޫޕް އޭގައި ހިމެނޭ އެމްއެމްއޭ، ދިވެހި ސިފައިންގެ ކްލަބް އަދި މުލިއާގެއާ، ގްރޫޕް ބީގައި ހިމެނޭ މީރާ، ފޮރިން މިނިސްޓްރީ އަދި ކަސްޓަމްގެ އިތުރުން، ގްރޫޕް ސީގައި ހިމެނޭ ޕޮލިސް ކްލަބް، ޔޫތް މިނިސްޓްރީ އަދި އިމިގްރޭޝަނެވެ.
ރޯދަ މަހު ބާއްވަމުންދާ ކްރިކެޓް ކާނިވަލުގެ އޯޕަން މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ 12 ޓީމެވެ. އެއީ ގްރޫޕް އޭގައި އެވިއާ، ޑީއެސްސީ، ކޭޑީއެމް އަދި އެމްއޭސީއެލް، ގްރޫޕް ބީގައި ޝުގަރކޯން، މެޓިއޮރޯސް، ވާރު އަދި ޕޮލިސް، ގްރޫޕް ސީގައި އޮފްއެފްސީ، އޭއާރސީ، ކިންޒާ އަދި ސީބީއެމްގެ ޓީމެވެ.
މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ ދެވަނަ ދުވަހުގައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެވިއާއާއި ކޭޑީއެމް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި އެމްއޭސީއެލްއެވެ.
މި އަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރިކެޓް ކާނިވަލްގެ މުބާރާތްތައް ބާއްވާނެ އެވެ. އެއީ މާލެ، ލ. ކުނަހަންދޫ އަދި ޏ. ފުވައްމުލަކުގަ އެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގެ އެކި މުބާރާތްތަކަށް މި އަހަރު ވެސް ފައިސާގެ އިނާމް ދޭނެ އެވެ. މި ގޮތުން ހުރިހާ މުބާރާތަކަށް ބައި ލައްކައެއްހާ ރުފިޔާގެ ފައިސާގެ އިނާމް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އޯޕަން އާއި އޮފީސް ބައިގެ ޗެމްޕިއަނަށް 8000ރ ދޭއިރު، ރަނަރަޕަށް 3000ރ ދޭނެ އެވެ. ކޮމްޕެނީ ބައިގެ ޗެމްޕިއަނަށް 20،000ރ ދޭއިރު، ރަނަރަޕަށް ލިބޭނީ 5500ރ އެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކުރިއަށްދާ މުބާރާތަށް ވެސް ވަނީ އިނާމް ފައިސާ ކަނޑައަޅައިފަ އެވެ.