
ޖޫން މަހު އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިން، ޕާކިސްތާނުން އެކުވެރިކަމުގެ މެޗެއްގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނާއިރު، ސައުދީއަކީ ނިމުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ މައްޗަށް އެ މުބާރާތުގައި ކުރި ހޯދި ހަމައެކަނި ޓީމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސައުދީއާ ދެކޮޅަށް ޕާކިސްތާނުން ކުޅެން މަސައްކަތް ކުރަމުން އަންނަ މެޗަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެ ގައުމުން ކުޅޭނެ އެންމެ ފަހު ފްރެންޑްލީ މެޗެވެ. ސާފް ޗެމްޕިއަންޝިޕް އޮންނާނީ ޖޫން މަހުގެ 20 އިން ޖުލައި ތިނަކަށް އިންޑިޔާގެ ބެންގަލޫރުގައެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުންވަނީ ރާއްޖޭގައި ހޯމަ ދުވަހު އެކުވެރިކަމުގެ މެޗެއް ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެފައެވެ. މި މެޗުން އެއް ލަނޑު ސުން ލަނޑުން ޕާކިސްތާނު ބަލިވިނަމަވެސް ޓީމުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކަމަށް ޕާކިސްތާނުގެ މީޑިއާތަކަށް އެ ޓީމުގެ ކޯޗުވަނީ ބުނެފައެވެ.