ads
ރައީސް ސޯލިހް އަދި ރައީސް ނަޝީދު
އިންތިހާބާ ގުޅޭގޮތުން ނަޝީދާއި ދައްކާނެ ވާހަކައެއް ނެތް: ރައީސް ސޯލިހް
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދައްކާނެ އިތުރު ވާހަކައެއް މިހާރު ނެތްކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޖެނުއަރީގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދު ވަނީ، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްއަށް ތާއީދު ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަވަމުންނެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް މިހާތަނަށް އެއްބަސްވެފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ލީޑަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދުވެސް މަސައްކަތް ކުރައްވަންވާނީ އެމްޑީޕީގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ދައްކާފައިވާ ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނަޝީދަށްވެސް ނުނިކުމެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނަޝީދަކީވެސް އެމްޑީޕީގެ ތެރޭގައި ހުންނެވި ބޭފުޅެއްކަމަށާއި އެހެންކަމުން ރިޔާސީ އިންތިހާބަ ގުޅޭގޮތުން ނަޝީދާއި މަޝްވަރާ ކުރެއްވުމަށް ނުވެސް ވިސްނަވާ ކަމަށެވެ.

ޕްރައިމަރީއަށް ފަހު، ނަޝީދާއި އެއްވެސް މަޝްވަރާއެއް ކުރެއްވިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އެކަމަށް ސާފު ޖަވާބެއް ނުދެއްވައެވެ. ރައީސް ވިދާޅުވީ މަޝްވަރާ ކުރަން ޖެހޭކަންކަން ޕާޓީގެ އޮނިގަނޑުގެ ތެރެއިން ހިނގާނެކަމަށާއި އިންތިހާބާ ގުޅޭގޮތުން ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްވެސް ވިދާޅުވީ ނަޝީދު ނެތް ނަމަވެސް އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރެއިން ބާކީ ވުމުގެ ބަދަލުގައި ރައީސް ނަޝީދުވެސް ވަޑައިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ފައްޔާޒު އެދިވަޑައިގެންނެވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުންނައިރު، ރައީސް ނަޝީދުގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ނަމަވެސް ރައީސް ނަޝީދުގެ ތާއީދާ ނުލައިވެސް އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް