
ހައިކޯޓުން އާއްމުކޮށްފައިވާ އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދެ މައްސަލައަކީ، ފުއްގިރި މައްސަލައާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ މައްސަލައާއި 53 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައެވެ. ރައީސް ޔާމީން ތަންފީޒު ކުރަމުންދާ ޖަލު ހުކުމާ ގުޅޭ މައްސަލަ އަދިވެސް ހައިކޯޓަށް ބަލައި ނުގަނެއެވެ.
ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އުފުލާފައިވާ ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައެވެ.
އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ. މި ހުރިހާ ފަރާތަކުންވެސް މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ހުރިހާ މައްސަލައެއްވެސް ވަނީ ހައިކޯޓުގައި މިހާރު ރަޖިސްޓްރީކޮށްފައެވެ.
ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އަނެއް މައްސަލައަކީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އަނެއްކާ ވެސް އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ފެބްރުއަރީ 21، 2017 ގައި ޖުމްލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އަދި އޭގެ ފަހުން ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު ވަނީ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފަ އެވެ.
ދައުލަތުން ނަގަން އެދުނީ ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި މި ފައިސާއާ އެއްކޮށްފައިވާ 2،413،230 ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިސާ އެވެ. އެއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.
53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު، ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމްވެސް ޔާމީންގެ ފަރާތުންވަނީ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ކޯޓުން އަދި މައްސަލަ ރަޖިސްޓްރީ ނުކުރެއެވެ.