ads
ރަމަޟާން މަހަކީ ޤްރުޢާނުގެ މައްސަރު
ރަމަޟާން މަހަކީ ޤްރުއާންގެ މައްސަރު
ރަމަޟާން މަހާއި ޤްރުއާން ވަނީ ލާމެހިގެންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ރަމަޟާން މަހުގެ ރޯދަ ހިފުމާއި ޤްރުއާނާއި ގުޅުވާލައްވާފައެވެ.

މާތް ﷲ ވަޙީ ކުރައްވަނީ (شهر رمضان الذي أنزل فيه القرآن هدى للناس وبينات من الهدى والفرقان) މާނަ:"رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. " އަދި ޤްރުއާން ބާއްވާލެއްވުނު ރޭ ވަނީ މާތް ކުރައްވާފައެވެ. 

އެކަލާނގެ ވަޙީ ކުރައްވަނީ: (إنا أنزلناه في ليلة القدر) މާނަ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ. " އަދިވެސް ވަޙީ ކުރައްވައެވެ: (إنا أنزلناه في ليلة مباركة) މާނަ:" ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. 

"އިސްވެދިޔަ އާޔަތްތަކުން ރަމަޟާން މަހާއި ޤްރުއާން ގުޅި ލާމެހިފައިވާ މިންވަރު އެނގިގެން ދެއެވެ. އެހެން ކަމުން އަޅުގަނޑުމެން އެހެން މައްސަރުތަކާއި ޚިލާފަށް މި މަހުގައި ޤްރުއާން ކިޔެވުމާއި އުނގެނުމުގެ މައްޗަށް އިތުރު އަހަމިއްޔަތުކަމެއް ދޭންޖެހޭނެއެވެ. ރޯދަވެރިންނަކީ ގްރުއާނުގެ އަހްލުވެރިންނެވެ. ޤްރުއާނުގެ އަޙްލުވެރިންނަށް މާތްﷲ ވަނީ މަދަޙަކިޔުއްވާފައެވެ. 

އެކަލާނގެ ވަޙީ ކުރައްވަނީ: (إن الذين يتلون كتاب الله وأقاموا الصلاة وأنفقوا مما رزقناهم سرا وعلانية يرجون تجارة لن تبور ) މާނަ: "ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ." އަދި މާތް ﷲ ގެ ގެކޮޅުތަކުން ކުރެ ގެކޮޅެއްގައި ﷲގެ ފޮތް އުނގެނި އުނގަންނައި ދިނުމުގައި ތިބޭހިނދު މާތްﷲ ގެ ރަޙުމަތާއި މަޑުމައިތިރިކަން އެބައިމީހުންގެ މައްޗަށް ބާއްވާލައްވައެވެ. އަދި މަލާއިކަތުންގެ ފިޔަފުޅުތައް އެބައިމީހުން ވަށާލައްވައެވެ. 

އަދި ﷲ ގެ ޙަޟުރަތުގައި އެބައިމީހުންގެ ޒިކުރު ކުރެވެއެވެ. އަދި ކީރިތި ޤްރުއާނަކީ އެކިޔަވާ މީހާއަށް ޝަފާޢަތްތެރިވާނެ އެއްޗެއްކަންވެސް މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބަޔާން ކޮށްދެއްވާފައެވެ. މިހެންކަމުން، މިފަދަ މަތިވެރި މައްސަރެއްގައި ރަމަޟާން މަހުގެ ރޯދައަށް ތިބޭޙާލު އަޅުގަނޑުމެން މިފޮތް އުނގެނި އުނގަންނައިދިނުމަށް އިތުރު މަސައްކަތް ކުރަންޖެހެއެވެ. ރޯދައިގެ މަތިވެރިކަން ޙާޞިލުކުރަމަށްޓަކައެވެ. ޤުރުއާންގެ ބަރަކާތުން ނަފްސުތައް ތާޒާކުރުމަށްޓަކައެވެ. މާތްﷲ އަޅުގަނޑުމެންނީ ޤްރުއާންގެ އަހުލުވެރިންގެ ތެރޭގައި ލައްވައި އަޅުގަނޑުމެންގެ ރޯދައާއި އެހެން އަޅުކަންތައް ޤަބޫލު ކުރައްވާށިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް