ads
މަދަދު
މަދަދު
މަދަދު: އިއްޔެގެ އަދަދާއި ގުޅޭ...

އަބީރުގެ ފޮށިން އަންނައުނު ހުސްކުރުމަށް އަމީނާ ހަރަކާތްތެރިވިއެވެ. ފޮށި ހުޅުވާލުމާއެކު ހިނިތުންވެވުނީ އަބީރުގެ މަންމަ، އޭނާއަށް ކަންކަން ކޮށްދީފައި ހުންނަލެއް ފުރިހަމަކަން ފެނިފައެވެ. ކޮންމެ ފަހަރަކު ދަތުރު ނިންމާފަ އަންނައިރު ހުންނަނީ، ހުރިހާ އެއްޗެއް ދޮވެ އިސްތިރިކޮށް، ތަރުތީބުން ފޮއްޓަށް އަޅާފައެވެ. އަންނައުނުތައް ނަގާފައި އަލަމާރީގައި އަޅުވާފައި އަމީނާ އެފޮށީން  އުފުލާލީ އޭގައި އޮތް އަލްބަމެކެވެ. މީގެ ކުރީން ފެނިފާނުވާ އެއްޗަކަށްވާތީ، އެއަށް ޝައުގުވެރިވިއެވެ. އަބީރުގެ މަންމަގެ ފޮޓޯތައް ހުންނާނެކަން ޔަގީންކޮށް އަލްބަމް ހުޅުވާލިއެވެ. 

ފުރަތަމަ ގަނޑުގައި ހުރި ފޮޓޯތައް ފެނިފައި އަމީނާގެ ފައިދަށުން ބިންގަނޑު ދެމިގެންފަދައެވެ. އަބީރް އާއެކު އެހެން އަންހެނަކު ގައިގޯޅި ގޮތަކަށް ނަގާފައިވާ ފޮޓޯތަކެކެވެ. ކޯތާފަތް ތެތްމަމުން އޮހޮރެމުން ދިޔަ ކަރުނަތަކާމެދު އަމީނާގެ ފަރުވާލެއް ނެތެވެ. ދުނިޔޭގައި އެންމެ ލޯބިވި ހަމައެކަނި ލޯބިވެރިޔާ، އޭނާގެ ފިރިމީހާގެ ބޭފަތެރިކަމެއް ހުވަފެނުގައިވެސް އަމީނާ ދެކެފައެއް ނުވެއެވެ. އަލްބަމުގެ ކޮންމެ ސަފްހާއެއް އަމީނާގެ ހިތް ކުދިކުދި ކޮއްލިއެވެ. އެތައް ސުވާލުތަކަކުން ސިކުނޑި ފުރާލިއެވެ. އަވަސްއަވަހަށް ފޮޓޯތައް ބަލާލުމަށްފަހު އަލްބަމް އޮތްތަނަށް ލާފައި ފޮށި ލެއްޕިއެވެ. ކަރުނަތައް ފޮހެނުލެވިގެން އުޅެނިކޮށް ފާޚާނާއިން އަބީރް ނިކުމެއްޖެއެވެ. 

"ވަރަށް ބަނޑުހައިވެއްޖެ.. ހިންގާ ކާން.. އަހަރެންގެ ބޭބީވެސް އަދި ނުކައިދޯ.. ބައްޕަގެ އިންތިޒާރުގައި ނުކައި ނުހުންނައްޗޭ ބުންޏަސް ބަސް ނާހާނެކަން އިނގޭ" ބޮލުގެ އިސްތަށިތަކުން ފެންތައް އަމީނާގެ މޫނަށް ފޮޅާލަމުން އަބީރް ސަމާސާކޮށްލިއެވެ. އަމީނާ މަސައްކަތްކުރީ އޭނާގެ ނުތަނަވަސްކަން ފޮރުވާށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. 

"އަހަރެން ނޫން އެހެން އަންހެނަކު އަބީރުގެ ހަޔާތަށް ދުވަހަކުވެސް އައިތަ؟" ކާ ތައްޓަށް އެޅި ބަތްކޮޅު ހާވާލަމުން އަމީނާ އަހާލިއެވެ. އަބީރުގެ މޫނަށް އަމީނާ ނުބެލީ، އިތުރަށް ކަރުނަ ނުހިފެހެއްޓި ދާނެތީއެވެ. 

"ދުވަހަކުވެސް ނުކުރާ ސުވާލެއް ތިކުރީ ކީއްވެ؟ ކުއްލިޔަކަށް ވަރަށް ހަމަހިމޭނުން އިނީމަ ހީވެއްޖެ، ކޮންމެވެސް ފުންޚިޔާލެއްގައިއޭ ތި އިނީ.. އެކަމަކު ތިކަހަލަ ސުވާލެއް ކޮއްފާނެކަމަށް ހީނުކުރަން " ސުވާލުގެ ޖަވާބު ލިބުނީ އަމީނާގެ ހިތައް އިތުރަށް ތަދުވާ ރާގެއްގައެވެ. ތަކުރާރުކޮށްވެސް އަމީނާކުރީ އެއް ސުވާލެކެވެ. ޖަވާބެއް ނުލިބުނެވެ. އަބީރުގެ ނިއްކުރީން ދާހިއްލާލީ އަމީނާގެ ދެވަނަ އަދި ތިންވަނަ ސުވާލެވެ. 

"އަހަރެންގެ ބަނޑުގައި މިއޮތް ދަރިފުޅުނޫން އެހެން ދަރިޔަކު އަބީރުގެ ހުރޭތަ؟ އަބީރުގެ މަންމަ ކޮބާ؟" ނުހަނު އުދަގުލުން ސުވާލުކޮށްލިއެވެ. 

ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އަމީނާ ހިތްވަރުކޮށްލިއެވެ. ތޫފާނެއްގެ ގަދަ ވަޔަށް ތައްޔާރުވާފަދައިން އޭނާގެ ކަންފަތް ތައްޔާރުކޮއްލިއެވެ.  ދެލޯރަތްވެ ފެންކަޅިވިއިރެއް އަމީނާއަށް ނޭގުނެވެ. ރޮވިއްޖެއެވެ. ތަށިން އެންމެ ބަތްފުކެއްވެސް އަމީނާއަށް ނުދިރުނެވެ. ބައްދާލުމަށްޓަކާ އަބީރު ގާތްވެލިއެވެ. ނަމަވެސް އަތުގެ އިޝާރާތުން އަމީނާ ބުނެލީ ހުރި ހިސާބުގައި މަޑުކޮށްލުމަށެވެ. 

އިސްއުފުލާލީ ހަތަރުކަޅި ހަމަކުރުމަށެވެ. މިފަހަރު ދަތްދޮޅިތިރިކޮއްލީ އަބީރްއެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑީގެ ސިކުންތުކަށީގެ އަޑުގެ އިތުރުން އަމީނާގެ ގިސްލުމުގެ އަޑު އިވެންފެށިއެވެ. ޖަވާބެއް ނުލިބުނެވެ. ފަސްއެނބުރި އަމީނާއަށް ބަލައިލެވުނީ ލެއްޕުނު ދޮރާއި ދިމާއަށެވެ. ބައިވެރިޔަކު ކަމުގައި ހިތާއި ފުރާނައިން ގަބޫލުކުރެވުނު ލޯބިވާ ފިރިމީހާގެ ބޭވަފާތެރިކަން އަމީނާއަށް ބަލައެއް ނުގަނެވުނެވެ. ހިތާއި ސިކުނޑި އެކަމަށް އެއްބަހެއް ނުވިއެވެ. އެކުގައި އުޅެންފެށިފަހުން ފާއިތުވި އަށް މަސްދުވަހަކީ އަމީނާގެ ހަޔާތައް ކުރިމަތިވި ބަހާރު މޫސުންކަމުގައި ގަބޫލުކުރެވުނެވެ. ނުދަންނަމީހެއްގެ ގޮތުގައި ހުރެ އަބީރް ދިއްކޮއްލި އަތުގައި އަމީނާހިފީ މަދަދުއެދިގެންނެވެ. ހަޔާތުގެ މިސްރާބުހުރި ގޮތެއް އަންދާޒާކުރާންވެސް ނޭގިއެވެ.

ރަށަށް ފުރާދޯންޏެއް ނުފެނި އެއްމަސް އެކުގައި ހޭދަކުރެވުނުއިރު ކައިވެންޏަކާއި ހަމައަށް ދެވޭވަރަށް އަބީރްއަށް އިތުބާރުކުރެވުނެވެ. ބައްޕަ ނިޔާވެފައިވިޔަސް، މަންމަ ދުނިޔޭގައި ހުރި ކަމަށާއި ބަލި ހާލުހުރިގޮތުން ރާއްޖޭގައި ދިރިއުޅެވެން ނެތުމުން މަންމަ ހުންނަނީ ތިމާގެ މީހެއްކައިރީ ކޮލަމްބޯގައިކަމަށް އަބީރުވަނީ ބުނެފައެވެ.  ކައިވެނީގެ ހަތްމަސްދުވަހުގެ ތެރޭގައި ދިހަ ވަރަކަށް ފަހަރު އަބީރް ކޮލަމްބޯއަށް ދިޔައެވެ. ކޮންމެ ފަހަރަކުވެސްދަނީ މަންމައާއި ބައްދަލުކުރުމަށް ކަމަށްބުނެފައެވެ. ޝައްކެތްކުރާން އަމީނާގެ ހިތައްވެސް ނާރައެވެ. ނަމަވެސް ފޮޓޯއަލްބަމްގެ ކޮންމެ ސަފްހާއެއް އަމީނާގެ ހިތް ކުދިކުދިކޮށްލައިފިއެވެ. ދެކުދީންނާއެކު އަބީރުގެ އުފާވެރި އެތައް މަންޒަރެއް އެ އަލްބަމުގައިވިއެވެ. އަންދާޒާކުރެވޭގޮތުގައި ގައިގޯޅިގޮތަކަށް ފޮޓޯނަގާފައިވާ އަންހެނަކީ އަބީރުގެ އަންބެކެވެ. އެލަފުޒު އަބީރުގެ ދުލުން ނުބުނާހާ ހިނދަކު އަމީނާއަށް ހަމަނިދި ނުލިބޭނެއެވެ. 

މެންދަމުން އަލިވެ އެކެއް ޖެހީއެވެ. ބަނޑުހައިކަމެއް ނުވަތަ ނިދީގެ އަސަރެއް އަމީނާއަށް އިހްސާސްނުވާ ފަދައެވެ. އިންތިޒާރުކުރަމުންދިޔައީ މެންދުރު ގެއިން ނިކުތް ފިރިމީހާއަށެވެ. އަބީރުގެ އެއްވެސް ރައްޓެއްސެއް އަމީނާ ނުދަނެއެވެ. ހޯދަން ދާނެ ތަނެއްވެސް ނޭގެއެވެ. ކުއްލިޔަކަށް އިވުނީ އެޕާޓްމެންޓް ދޮރު ހުޅުވާލި އަޑެވެ. އަނދިރީގެ ތެރެއިންވެސް އަބީރުގެ ސިފަ އަމީނާއަށް އޮޅުވައެއް ނުލެވޭނެއެވެ. ގޭގައި އަލިކަމެއް ނެތްކަން އިހުސާސްވީ އަބީރު، ސިޓިންރޫމްގެ ބޮކިތައް ދިއްލާލުމުންނެވެ. ޝަކުވާއިން ފުރިފައިވާ ނަޒަރަކުން އަމީނާ ބަލައިލީ އުއްމީދުގެ ކުލައެއް އަބީރުގެ ލޮލުން ފެނޭތޯއެވެ. ލިބުނީ މާޔޫސްކަމާއި ހާސްކަމެވެ. 

"އަމީނާއަށް އެނގުނީ ކިހިނެއްތޯ އަހަރެން ސުވާލެއް ނުކުރާނަން.. އަހަރެންގެ އިތުރު ދެ އަނބިން ތިބޭ.. އަހަރެންގެ ތިން ކުދީން މިވަގުތު ދުނިޔޭގައި އެބަތިބި.. އަހަރެންގެ ބައްޕަވެސް މަންމަވެސްވަނީ ނިޔާވެފައި.. މި ބުނިހުރިހާ ކަމަކީ އަމީނާއާއި ކައިވެނިކުރުމުގެ ކުރީން އަހަރެންގެ ހަޔާތުގެ ހިއްސާގެ ގޮތުގައި ހިމެނިފައިވާ ކަންކަން.. އަހަރެންގެ މާޒީއާބެހޭގޮތުން ދުވަހަކުވެސް އަމީނާ ސުވާލު ނުކުރާތީ، މިކަންކަން ހާމަކުރުން އަހަންނަށް މުހިއްމެއްނުވި.. އަހަރެންގެ ތިން ކުދިންނާ އަހަރެންގެ ދެ އަނބީން އަހަންނަށް ވަރަށް މުހިއްމު.. އަހަރެންގެ މި އެޕާޓްމެންޓާއި ވިޔަފާރިއަކީވެސް އެދެމީހުންގެ މުދާ.. އެއްވެސް ހާލެއްގައި އަހަންނަށް އެމީހުން ދޫކޮށްލެވޭކަށް ނެތް. އަމީނާ ބޭނުންނަމަ، މަންމަ ކައިރިއަށް ރަށަށް ފޮނުވާލަދޭނަން.. ވިހެއުމާއި އަދި ދަރިފުޅަށް ޚަރަދުކުރާނެ ފައިސާ އަހަރެން އަމީނާއަށް ރަށަށް ފޮނުވައިދޭނަން.. މާދަމާފުރާ ދޯންޏެއް އެބައޮތް.. އަހަރެން މިއައީ ބަލާފަ. ވަރަށް މަޢާފުކުރޭ! އަހަރެންނަށް އަމީނާދެކެ ލޯތްބެއް ނުވެވުނު.. އެކަނި ދިރިއުޅެންޖެހޭތީ އަހަރެންގެ ކަންކަން ކޮއްލަދޭނެ އެހީތެރިއަކަށް އަހަރެން ވަރަށް ބޭނުންވެފައި ހުރިވަގުތެއްގައި އަމީނާއާއި ދިމާވީ.. އެވަގުތު އަހަރެން އިޚްތިޔާރުކުރީ އަހަންނަށް އެންމެ ފަސޭހައިން ދިރިއުޅެވެން އޮތްގޮތް.. އަހަރެންގެ ފޮއްޓަށް އެ އަލްބަމް ލާފައި އޮތީ އަހަރެންގެ ދެކުދީންގެ މަންމަ. އޭނާގެ މަގްޞަދު އޭނާއަށް ހާޞިލްވެއްޖެ.. ކޮންމެވެސް ގޮތަކުން އޭނާއަށް އޮތީ މިކައިވެނީގެ ޚަބަރު ލިބިފައި.. އަމީނާއާއެކު ދިރިއުޅުން ކުރިއަށް ގެންދާނަމަ އަހަންނަށް ފޫނުބެއްދޭވަރުގެ ގެއްލުންތައް ވެދާނެ.." އަބީރުގެ ވާހަކަތައް ނިންމާލިއެވެ.

ލަދުވެތިކަމެއް ނުވަތަ ހަމްދަރުދީއެއްވެސް އެއަޑުގައި އެކުލެވިފައި ނުވެއެވެ. އިސްޖަހައިގެން އިނީތީވެ، އަމީނާގެ ކަރުނަތައް ފައިބަމުންދިޔައީ އޭނާގެ ބަނޑަށެވެ. އެވަގުތު ނިކަން ހަލުވިކޮށް އަމީނާގެ ދަރިފުޅު ތޮޅެލިއެވެ. ދުނިޔޭގެ އަނިޔާވެރިކަމަށް ނޭވާއެއް ލުމުގެ ފުރުސަތެއް އަދި ލިބިފައި ނުވިޔަސް، މަންމަގެ ހިތާމައިގައި އެދަރިފުޅު ބައިވެރިވާކަމުގެ އިހްސާސް މަންމައަށް ކޮށްދީފިއެވެ. މިއަދު އަމީނާއަކީ އެކަނިވެރިއެއް ނޫންކަން އޭނާގެ ޟަމީރު ބުނެދިނެވެ. މާޒީގައި އުފުލި ވޭނާއި ތަހަންމަލްކުރި ނިކަމެތިކަން ހިތުގައި ތާޒާވެއްޖެއެވެ. އަބީރްއާއި ކުރިމަތި ލުމަކީ އަމީނާއަށް ކުރެވޭނެ ކަމެއްނޫނެވެ. އަމީނާގެ ހިތުގައި އަބީރަށްޓަކައި އުފެދުނީ ސާފު ތެދުވެރި ލޯތްބެކެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ޙައްޤުގައިވެސް އެދަރިފުޅުގެ ބައްޕައަށް ދުވަހަކުވެސް އަމީނާ އިޙްތިރާމް ކުޑަނުކުރާނެއެވެ.

"ފަތިހު ފުރަންޏާ އަދި ވަރަށް ވަގުތު އެބައޮތް.. ކޮތަޅަކަށް އަހަރެންގެ ދެތިން ހެދުން ލައިގެން މިއަންނަނީ.. ޓެކްސީއަކަށް ގުޅާލަދޭންވީނުން.." ކަރުނައިގެ ތެރެއިން ހިނިތުންވަމުން އަމީނާތެދުވެ، މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. 

އަބީރުގެ ގައިން ހީނބިހި ނެގިއެވެ. ފައިދަށުން ބިންގަނޑު ދެމިގަތްފަދައެވެ. ކަންފަތައް އިވުނު ލަފުޒުތައް ގަބޫލެއް ނުކުރެވުނެވެ. އަބީރު ގެއަށްއައީ އަމީނާގެ ޝަކުވާތަކާއި ހުށަހެޅުންތަކަށް އިންތިހާއަށް ތައްޔާރުވެގެންނެވެ. ބޮޑެތި އަދަދުން ފައިސާއަށް އެދޭނެކަމަށްވެސް ނިންމައިގެންނެވެ. އެތައް އިލްޒާމެއް އަބީރު ބޮލުގައި އަޅުވާނެކަމަށް ގަބޫލުކޮށްގެންނެވެ. ރަށަށް ދިއުމަށް ފާޅުގައި އިންކާރުކުރާނެކަން ޔަގީންކޮށްގެންނެވެ. ނަމަވެސް ކަންތައްވެގެން މިދިޔައީ އަބީރުއަށް ލަދުވެތި ގޮތަކަށެވެ. 

"ޓެކްސީއަށް ދޭނެ ފައިސާއާއި ދޯންޏަށް ދޭނެ ފީ، ދީ ފިއްޔާ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން" ޚިޔާލުގެ ދުނިޔެއިން އަބީރު ނިކުތީ އަމީނާގެ އަޑަށެވެ. ހިނިތުންވެފައިވިޔަސް އެމޫނުގައި އެއްވެސް ދިރުމެއްނެތެވެ. 

"އަދި ތިނެއްވެސް ނުޖަހާ.. ނިދާލާފައި ދާނެހާ ވަގުތު އެބައޮތް.. އަމީނާގެ އަންނައުނާއި ވަރަށް ބައިވަރު ގަހަނާވެސް ހުންނާނެނުން.. އެތަކެތި އެއީ އަހަރެންގެ މަސައްކަތުން އަމީނާއަށް ހޯދައިދިން އެއްޗެހި.. އެ ހިފައިގެން ދާންވާނީ.. އަމީނާގެ ފޮށި ތައްޔާރުކޮށްދޭނީ އަހަރެން" އަބީރު މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ.

އަމީނާގެ މައިންބަފައިންގެ ހުންނާނީ ވަރަށް މުޑަގެއެއްކަމާއި އެހާބައިވަރު އެއްޗެހި ހިފައިގެން ގޮސް އެގޭގައި ބަހައްޓާނެ ތަނެއް ނުހުންނާނެކަމަށް އަމީނާ ބުނީ، އޭނާގެ ދިފާޢުގައެވެ. 

"އަހަރެން މިގެއަށް އައީ ހުސްއަތާ.. ނިކުމެގެން މިދަނީ ތިން ހެދުމާއި ތުވާއްޔެއް ހިފައިގެން.. މިވަރުން އަހަންނަށް ފުދޭނެ.. މިތަކެއްޗަށް ވަރަށްބޮޑަށް ޝުކުރިއްޔާ! އަދި އަބީރް ކޮށްދިން ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! ހެޔޮހާލުގައި އަބަދުވެސް އަބީރު ލެހެއްޓެވުން އެދި ﷲއަށް ދުޢާކުރާނަން..."

އަމީނާއަށް ހިތްވަރު ލިބުނީ ބަނޑުގައި އުފެދި ބޮޑުވަމުންއައި ދަރިފުޅުގެ ކިބައިންކަން އެނގުނީ ބަނޑުގައި އޭނާ ފިރުމާލުމުންނެވެ. އެއްވެސް އެއްޗެއް ނުބުނެ އަބީރުވަނީ ކޮޓަރިއަށެވެ. ނިކުތީ ސަތޭކައިގެ ފައިސާބޮނޑިއެއް ހިފައިގެންނެވެ. އަމީނާގެ އަތަށް ލައިދިނީވެސް އަބީރުއެވެ. އެހާގިނަ ފައިސާގެންގުޅެން އަމީނާއަށް ނޭގޭކަމަށްބުނެ އެބޮނޑީގެ ތެރެއިން އަމީނާ ނެގީ ސަތޭކަ ރުފިޔާއެވެ. އެއީ ޓެކްސީއަށާއި ދޯންޏަށް ދައްކަން ނެގިފައިސާކަން އަބީރަށްވެސް ޔަގީންވިއެވެ. 

"މިހާރު ޓެކްސީ އައިސްފާނެ" އަމީނާ ބުނެލިއެވެ. 

ހަތަރުފާރުގެ ތެރޭގައި އެންމެ ސިކުންތެއްވެސް މަޑުކުރާން އަމީނާ ބޭނުންނުވާކަން އެނާގެ ހަރަކާތްތަކުން ފެންނަމުންދިޔައެވެ. އަބީރުގެ ނިންމުން އަޑުއިއްވިފަހުން ގޮނޑިއެއްގައިވެސް އަމީނާ އިށީނދެނުލައެވެ. އަބީރުގެ ގައިގައި އަތުގެ އިނގިއްޔެއްވެސް ބީއްސާނުލައެވެ. 

"އަހަރެން އަދި ޓެކްސީއަކަށް ނުގުޅަން.. އެންމެ ފަހު ފަހަރަށް އަހަރެންނަށް އަމީނާގެ ގައިގައި ބައްދާލުމުގެ ފުރުސަތު ލިބިދާނެތަ؟" އާދޭހުގެ ބެލުމަކުން އަބީރު ހަތަރުކަޅި ހަމަކޮއްލިއެވެ. 

 ޓެކްސީއެއް މަގުމަތީން ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށްބުނެ އަމީނާ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ސަތޭކަ ރުފިޔާ އަމީނާގެ ކޮތަޅުތެރެއަށްލާފައި އޭގައި ގޮއްޖަހާލީ ފަރިތަކަމާއެކުއެވެ. އަބީރުގެ ހުށަހެޅުން އަމީނާއަށް އަޑުއިވުނުކަމަށްވެސް ނުހެދިއެވެ. އަވަސްވެގަތީ އެޕާޓްމެންޓް ދޮރުލެއްޕުމަށެވެ. ނަމަވެސް ދޮރުގެ ދޭތެރެއަށް އަތްލައްވާފައި އަބީރު ދޮރު ހިފެހެއްޓިއެވެ. 

"އަދި އެއްވާހަކަ..! އަހަންނަށް މަޢާފުކުރޭ.. މިކަން ކުރާން އަހަންނަށް މަޖުބޫރު.." އަމީނާގެ ދެފައިން ވާގިދޫވިފަދައެވެ. 

އަވަސްއަވަހަށް އަބީރުއާއި ދުރަށް ދިއުމަށް އަމީނާ އެމަސައްކަތްކުރީ، މިވަގުތު އަތުވެދާނެކަމަށް އޭނާއަށް އިހުސާސްކުރެވުނީތީއެވެ. ނަމަވެސް ދެން އެހެންގޮތެއް ނެތެވެ. އެކަމަށްވެސް ޖެހުނީ ކުރިމަތިލާށެވެ. 

"މިވަގުތުން ފެށިގެން އަމީނާތީނީ މިނިވަންކޮއްފައި.. އަހަރެން އަމީނާ ވަރިކޮށްފިން" އުނދަގުލަކާނުލާ އަބީރުގެ ދުލުން ބޭރުކޮށްލިއެވެ. ހިތްކުދިކުދިވެފައިވާ އަމީނާއަށް އިތުރަށް ކޮޅަށް ހުންނާނެ ހިތްވަރެއްވެސް ނުލިބުނެވެ. ދެއަތުން ހިފަހައްޓާލީ ފާރުގައެވެ. މޫނުމައްޗަށް އަނދިރިވެ އަރިއަޅާލީތީއެވެ. އަވަސް ހަރަކާތަކާއެކު އަބީރު އަމީނާގެ ހަށިގަނޑު ހިފަހައްޓާލިއެވެ. ހަމަ އެހިނދުކޮޅުގައި އެއަތުގެ ތެރެއިން އަމީނާދެމިގަތެވެ.

"އަހަރެންނާއި އަދި އަހަރެންގެ މި ދަރިފުޅުގެ އެއްވެސް އުނދަގުލެއް މިރޭން ފެށިން ދުވަހެއްގައިވެސް ނުޖައްސާނަންކަމަށް މިވަގުތު އަހަރެން ވަޢުދުވަން.. އަބަދުވެސް އަބީރަށް ހެޔޮގޮތް މިންވަރު ކުރައްވާށި!" އަމީނާގެ ޖުމުލަތަކަށް އިތުރުކުރާނެ ލަފްޒެއްވެސް އަބީރުގެ ދުލަކަށްނައެވެ. 

ބަނޑުގައި އޮތް ދަރިފުޅު އެވަގުތު ތޮޅެލީ މަންމައަށް ހިތްވަރު ދިނުމަށެވެ. އިސްއުފުލާ ބަލައިވެސްނުލާ އަމީނާ މިސްރާބުޖެހީ ސިޑިއާއި ދިމާއަށެވެ. ފަހަތުން ދާން ބޭނުންވިޔަސް، މިފަހަރު އަބީރު އެކަމެއް ނުކުރިއެވެ. ނުވަތަ އެކަން ކުރާން ނުކެރުނީއެވެ. ބީވެގެންދިޔައީ ކިހާ އަގުހުރި ޖަވާހިރެއްކަން އިހްސާސްކުރެވުނު ފަދައެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. އަބީރުގެ ހަޔާތުން އަމީނާ ހިނގައްޖެއެވެ. ދެން އެ ލޯތްބެއް އެ ގޯތެރިކަމެއް އަދި އެ ކިޔަމަންތެރިކަމެއް ދުވަހަކުވެސް އަބީރުއަށް ނުލިބޭނެއެވެ. 

ފަތިހުގެ އިރުން މުޅި ފަޒާ ޖަރީކޮށްލައިފިއެވެ. ކުރެހުންތެރިއެއްގެ މޮޅު މަންޒަރެއްފަދައިން ކުލަތައް ބަދަލުވަމުންދަނީއެވެ. ދުނިޔޭގެ އަނިޔާވެރިކަމާއި ލިބުނުވޭންތައް ކަނޑުގެ ލޮނުގަނޑާއެކު ޣަރަގުކުރުމަށް އަމީނާ މަސައްކަތްކުރަނީއެވެ. ހިތްފުރޭވަރަށް ރޯލުމަށްޓަކައި މިއަދު އަމީނާއެއައީ ރަށުގެ ފުއްޓަރުފަރާތަށެވެ. މަޑުމަޑުވަޔާއެކު ކުދިކުދި ރާޅުތައް ބީއްސަމުންދިޔައީ އަމީނާގެ ކަރުނަތަކަށް ތަސައްލީއެއް ދިނުމަށެވެ. މަންމަނިޔާވިތާ ދެއަހަރަށްވުރެން ގިނަދުވަސްވެއްޖެއެވެ. ރަށުގެ އެއްވެސް މީހަކަށް އަމީނާ އުޅޭތަނެއް އެނގިފައި ނެތުމުން އެޚަބަރު ރައްދުނުކުރެވިއޮތީއެވެ. ކިޔަވައި މޮޅުމީހަކަށް ހެދުމަށް މަންމައާއި ބައްޕަކުރި އުއްމީދުގައި ނިކަމެތިވެ ބަރުބާދުވެގެން ދިޔައީ އަމީނާގެ މައުސޫމްކަމެވެ. މިވަގުތުންފެށިގެން ޢަޒުމުކަނޑައެޅިއެވެ. އެހެންމީހެއްގެ އިޚްތިޔާރުން ޒައްރެއްގެ މިންވަރުވެސް އަމީނާގެ ހަޔާތުގައި ދުވަހަކުވެސް ދެނެއް ހިއްސާނުކުރާނެއެވެ. ދިރިހުންނާނީވެސް ދިރިއުޅޭނީވެސް އަމިއްލަ ދަރިފުޅަށްޓަކައެވެ. އަމީނާއަށް ނުލިބުނު ފަޚުރު ދަރިފުޅަށް ހޯދައިދޭނެއެވެ. އެދަރިފުޅު ބަލާނީވެސް، ކިޔަވައިދީ މޮޅުމީހަކަށް ހަދާނީވެސް އަމިއްލަ މަސައްކަތުންނެވެ. ވީނާރާވެފައިވާ ގެ ކޮޅަށްޖަހައިގެން އެގޭގައި ދިރިއުޅޭނީވެސް އަމީނާގެ ދެމައިންނެވެ. މިދުނިޔޭގައި އެހެންމީހަކަށް މަދަދު އެދޭނެ އެހެންމީހަކު ނުހުންނާނެ ކަމަށް އަމީނާ ނިންމީއެވެ. ލޮނުގަނޑުން ހަށިގަނޑު ދޮވެލުމަށްފަހު އަމީނާ ތެދުވެ، ރަށުތެރެއާއި ދިމާއަށް މިސްރާބުޖެހީ ތަފާތު ހިނިތުންވުމަކާއެކުއެވެ. 

=ނިމުނީ=

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް